ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7.000 ހައުސިން ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށައިފިއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަޝްރޫއު ފަށްޓަވައި ދެއްވީ އެކުންފުނީގެ ޗެއާޕާސަން އަހުމަދު މައުސޫމް އާއި މެނޭޖިން ޑިރެކްޓާ ހަސަން ޝާހު އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ގާއިމް ކޮށްފައި ވާ 16 ޓަވަރަށް ޖުމްލަ 580 ކަނެކްޝަން ގުޅައިދެވިގެން ދާނެ ކަމަށެވެ. އަދި އެކުންފުނިން، އެސަރަހައްދަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކާއި، 283 މޭން ހޯލް އާއި 2 ޕަންޕިންގް ސްޓޭޝަން ގާއިމް ކުރެވިގެ ންދާނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

އެމްޑަބްލިޔުއެސް.ސީ އިން އެ މަސައްކަތް އަންނަ އަހަރުގެ ފެބުރުއަރީގެ ނިޔަލަށް ނިންމުމަށް ތާވަލް ކޮށްފައި ވާއިރު އެ މަސައްކަތް ނިމުމުން 7000 ހައުސިންގް ޔުނިޓްގައިވާ އެޕާޓްމަންޓް ތަކަށް ނަރުދަމާގެ ހިދުމަތް ލިބިގެން ދާނެއެވެ.