ފުޓްބޯޅައިގެ ތާރީހުގައި ވެސް ދުނިޔެ ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ ބާސަލޯނާގެ ލަޔަނަލް މެސީއާ މިހާރު އިޓަލީގެ ޔުވެންޓަސްއަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލާ ޔޫއެފްއާގެ އެންމެ މޮޅު ތިން ފިރިހެން ފުޓްބޯޅަ ކުޅުންތެރިންގެ ނަން އިއުލާނުކޮށްފިއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މި ދެކުޅުންތެރިންގެ ނަން ނުހިމަނާ ޔޫއެފްއާއިން އެންމެ މޮޅު ތިން ކުޅުންތެރިންގެ ނަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ލިސްޓުގެ ގަދަ ތިނެއްގައި ހިމެނެނީ މިދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއާ ލީގުގެ ކުޅުންތެރިން ހޮވި އެންމެ މޮޅުކުޅުންތެރިޔާގެ ޝަރަފު ހޯދި މެންޗެސްޓާ ސިޓީގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑެބްރައިނާ އާ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކް ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރޮބަޓް ލެވަންޑޯސްކީއާ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާއެވެ.

ޔޫއެފްއާއިން އިއުލާނުކުރި ގަދަ ތިނެއްގައި މެސީއާ ރޮނާލްޑޯ ނުހިމުނަސް އެންމެ މޮޅު 10 ކުޅުންތެރިންގެ ލިސްޓުގައި އެދެކުޅުންތެރިން ހިމެނުނެވެ. މީގެ އިތުރުން މިލިސްޓުގައި ހިމެނުނީ ޕީއެސްޖީގެ ނެއިމާ، ބަޔާންގެ ތޯމަސް މުލާ، ޕީއެސްޖީގެ ކިލިއަން އެމްބާޕޭ، ބަޔާންގެ ތިއާގޯ އަލަކަންތްރާ އަދި ބަޔާންގެ ޖޯޝުއާ ކިމިކްއެވެ.

ކެވިން ޑެބްރައިނާ (މެންޗެސްޓާ ސިޓީ)

ސިޓީގެ ކުޅަދާނަ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ/ ފޮޓޯ: ގޯލް

މިދިޔަ ސީޒަންގައި ސިޓީއަށް ލީގު ޗެމްޕިއަންކަން ނުލިބުނު ނަމަވެސް ޑެބްރައިނާގެ މޮޅު ކުޅުމާ މެދު އެއްވެސް ބަޔަކު ދެބަހެއް ނުވާނެއެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ބެލްޖިއަމްއަށް ނިސްބަތްވާ ޑެބްރައިނާ މިދިޔަ ސީޒަންގައި ސިޓީއަށް ލީގުގައި 13 ގޯލު ޖަހާ ދިން އިރު އޭނާ ވަނީ 20 ގޯލެއް އުފައްދާފައެވެ. މިއީ މިހާރު ވެސް ލީގުގައި އެންމެ ގިނަ ގޯލު އުފެއްދުމުގެ ރެކޯޑާ އެއް ވަރުގެ އަދަދެކެވެ.

ރޮބާޓް ލެވެންޑޯސްކީ(ބަޔާން މިއުނިކް)

ބަޔާންގެ ފޯވަޑް ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަންގައި 55 މެޗުގައި 47 ލަނޑު ޖަހާފައި/ ފޮޓޯ: ގޯލް

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލީ މުބާރާތުގައި އެޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އާ ރިކޯޑެއް ވެސް ހަދައިގެންނެވެ. މިކާމިޔާބީގައި އެންމެ އިސް ރޯލެއް އަދާ ކުރި އެއް ކުޅުންތެރިއަކީ ބަޔާންގެ ފޯވަޑް ރޮބާޓް ލެވެންޑޯސްކީއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިދިޔަ ސީޒަންގައި ޕޮލެންޑަށް ނިސްބަތްވާ ލެވަންޑޯސްކީ ވަނީ 47 މެޗު ކުޅެ 55 ގޯލު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މެނުއަލް ނޯޔާ (ބަޔާން މިއުނިކް)

ބަޔާންގެ ތަރުޖިބާކާރު ކެޕްޓަން އަދި ކީޕަރު ނޯޔާ މިދިޔަ ސީޒަންގައި ތިން ތަށި އުފުލާލި/ ފޮޓޯ: ގޯލް

މިދިޔަ ސީޒަންގައި ބަޔާން މިއުނިކް ތިން ތަށި އުފުލާލި އިރު އެޓީމުގެ ހުނަރުވެރި އަދި ތަޖުރިބާކާރު ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާގެ ދައުރު ބޮޑެވެ. މިކަމާ ޖަދަލު ކުރާ ފަރާތްތަކުން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަޔާން ޕީއެސްޖީގެ މައްޗަށް 1-0 ގެ ކާމިޔާބީއެއް ހޯދި މެޗުގެ އުސްއަލިތައް ބަލާލަނިކޮށް ބަޔާންގެ ކުޅުމަށް ނޯޔާ މުހިއްމުވާ މިންވަރު ސާފުކޮށް ފެނިގެންދާނެއެވެ. ބަޔާންގެ ތާރީޚުގައި 7 ވަނަ ފަހަރަށް އެޓީމުން ޗެމްޕިއަންސް ލީގު ތަށި އުފުލާލި އިރު މުޅި މުބާރާތުގައި ނޯޔާ ވަނީ ހަ މެޗުގައި ބަޔާންގެ ކޮޅަށް ގޯލެއް ވަދެ ނުދީ ހިފަހައްޓާފައެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން މިދިޔަ ސީޒަންގެ ޔޫއެފްއާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އިއުލާނުކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ޔޫއެފްއާއިން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޗުގެ ގުރުއަތުލުން ބައްވާ ރަސްމިއްޔާތުގައެވެ.