ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އދގެ 75 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގެ ޕޯޑިއަމް ބޭނުން ކުރެއްވީ، އެމެރިކާގެ ޒަމާންވީ އަދުވުއްގެ ގޮތުގައި އޮތް ޗައިނާއަށް ހަމަލާ ދެއްވުމަށެވެ. އެގޮތުން، މިއަދު މުޅި ދުނިޔެ އިނދަޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ޗައިނާއިން ދިން އިޖާބައަށް ފާޑުވިދާޅުވުމުގެ އިތުރުން، ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ފަތުރާލިކަމުގެ ޒިންމާވެސް ޗައިނާއިން އުފުލަންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވިއވެ.

ކަން މިހެން އޮތްއިރު، ޗައިނާއިންވެސް އދގެ ޕޯޑިއަމް ބޭނުން ކުރީ ހަމަ މިފަދަ ރޫހެއްގައެވެ. ޗައިނާގެ ހަމަލާތައް އަމާޒުވީ އެމެރިކާއަށެވެ. އދގެ ތަގުރީރުގައި ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ ކޮވިޑް-19އާ ދެކޮޅަށް މިހާރަށްވުރެ ބޮޑު އެއްބާރުލުމެއް ދިނުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި އެއްވެސް ގައުމަކާ ދެކޮޅަށް "ފިނި ހަނގުރާމައެއް" ނުވަތަ "ހޫނު ހަނގުރާމައެއް" ކުރުމަށްވެސް ޗައިނާއިން ބޭނުމެއް ނުވާ ކަން ޝީ ވަނީ ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 2 ބާރުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ އިސްވެރިންގެ އދގެ ތަގުރީރު ރާވާލެއްވީ ވާދަވެރި ރޫހެއްގައެވެ. މި ދަނޑިވަޅަކީ ދުނިޔެ މުށު ތެރެއަށް ލުމުގެ މަގުސަދުގައި ހަރަކާތްތެރިވާ މި 2 ބާރުގެ މެދުގައި ވަރުގަދަ ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ. ކޮވިޑް-19އާ ގުޅިގެން ދެމުންދާ ބަހުގެ ހަމަލާތަކާ، ޓެކްނޮލޮޖީގެ ދުނިޔޭގައި އަމާޒުކުރާ ކުރަމުންދާ ހަމަލާތަކާއެކު ދޭދޭ ގުޅުން ހީނަރުވެފައިވަނީ ތާރީހު ނުދެކޭ ދަރަޖައަކަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ޗައިނާގެ ރައީސް ޝީ ޖީންޕިންގް/ފޮޓޯ: ނިއްކޭ އޭޝަން ރިވިއު

ނޮވެމްވަރު މަހުގެ ކުރީކޮޅުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ޓްރަމްޕް ފައިންޕުޅު ވިއްދަވައިގެން ހުންނެވިއިރު، ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަދާ ޖެހުނުއިރު އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭހާއި މަރުގެ ކޭސް ރެކޯޑް ކުރި ގައުމަކީ އެމެރިކާއެވެ.

ޓްރަމްޕް ސިފަކުރައްވާ ގޮތުގައި ކޮވިޑް-19އަކީ "ޗައިނާ ވައިރަހެވެ". މިއީ ނަސްލީ ގޮތުން ބަޔަކަށް ދެވޭ ވަރުގަދަ އަނިޔާއަކަށް ވީ ނަމަވެސް، ޓްރަމްޕްގެ ރޫހަކަށް ބަދަލެއް ނުގެންނަވައެވެ. ބަލިމަޑުކަމުގެ ކުރީކޮޅު ޗައިނާއިން ފުރައިގެން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރުމުގެ ފުރުސަތު އެގައުމުން ދިންކަން ޓްރަމްޕް ފާހަގަކުރައްވައެވެ. އެތެރޭގެ ދަތުރުފަތުރު މެދުކަނޑާލާފައި އޮތްއިރު ބައިނަލްއަގުވާމީ ދައުތުރުތަކަށް ފުރުސަތު ދިން ކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވަނީ، ދުނިޔެއަށް ބަލިމަޑުކަން ފަތުރާލީ ޗައިނާއިން ކަމަށެވެ.

އެކަހެރިކޮށް ހުންނަވައިގެން އދގެ އާންމު މަޖިލީހަށް ދެއްވި ބަޔާނުގައި ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 އަކީ އެއް އިންސާނެއްގެ ގައިން، އަނެއް އިންސާނެއްގެ ގަޔަށް ފޯރާ ބައްޔެއް ނޫން ކަމަށް ބުނެ ޗައިނާއާއި، ޗައާއިން ކޮންޓްރޯލް ކުރަމުން އަންނަ (ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވާ) ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހަގީގަތް އޮޅުވާލި ކަމަށެވެ. އަދި ބޭރު ފުށުން ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން ބަލި ނުފެތުރޭނެ ކަމަށް ބުނެ ދެންވެސް އޮޅުވާލީ ކަމަށް ޓްރަމްޕް ސިފަކުރައްވިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ޗައިނާގެ ރައީސް، ޝީގެ ބަޔާން ތައާރަފު ކޮށްދެއްވަމުން ޗައިނާގެ އދ މަންދޫބު ޝާންގް ޖުން ވިދާޅުވީ، ޗައިނާއާއި ދެކޮޅަށް އަމާޒު ކުރަމުންދާ އަސާސެއް ނެތް ހުރިހާ ތުހުމަތުތަކަށް އެ ގައުމުން އިންކާރު ކުރާ ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔެއިން ވަރުގަދަ ހަނގުރާމައެއް ކުރަމުން ދާ އިރު، އެމެރިކާއިން ދަނީ އދގެ އާންމު މަޖިލީހުގައި "ސިޔާސީ ވައިރަސް" ފަތުރަމުން ކަމަށް ޝާންގް ވަނީ ތުހުމަތު ކުރައްވާފައެވެ.

ދުނިޔެ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގައި ކަމަށާ، ދުނިޔެއަށް މިވަގުތު ބޭނުންވަނީ އެއްބައި ވަންތަކަމާ އެއްބާރުލުން ދިނުން ކަމަށާ، އެއްވެސް ހާލެއްގައި ކުރިމަތިލުމެއް ނޫން ކަމަށްވެސް ޗައިނާގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ޕޯސްޓް އޮފީހުގެ މުވައްޒަފަކު ޑިއުޓީގައި/ފޮޓޯ: ޕޮލިޓިކޯ

ޗައިނާގެ ރައީސް ޝީވެސް ވަނީ ކޮވިޑް-19އާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެދެވޭ އިޖާބައެއް ދިނުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި އިސް ދައުރެއް އަދާ ކުރުމުގެ ޒިންމާ، ޑަބްލިއުއެޗްއޯއަށް އޮތްކަންވެސް ޝީ ވަނީ ފާހަގަކުރައްވާފައެވެ. ކޮވިޑް-19 ސިޔާސީ ކުރުމަށް ކުރަމުންދާ ހުރިހާ މަސައްކަތަކަށް ދެކޮޅު ހެދުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ.

ކަން މިހެން އޮތްއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، އެއީ އެއްވެސް ގައުމަކުން ކޮންޓްރޯލް ކުރާ މުއައްސަސާއެއް ނޫން ކަމަށް ބުނެފައެވެ.