ޕާކިސްތާނުގެ ސިނާއީ ތާރީހު ދުށް އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ގޮތުގައި ސިފަކުރަމުން އަންނަ 2012 ވަނަ އަހަރުގެ އަންނައުނު އުފައްދާ ކާރުހާނާގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ކުށް ސާބިތުވާ ކަމަށް ނިންމާ، ދަންޖައްސައިގެން މެރުމަށް، ކަރާޗީގެ ކޯޓަކުން 2 މީހެއްގެ މައްޗަށް ހުކުމް އިއްވައިފިއެވެ.

260 މީހެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާ ހިނގާފައިވަނީ، ގެއްލުނެދެވި މައުލޫމާތެއް އާންމު ކުރާނެ ކަމަށް ބިރު ދައްކައިގެން ފައިސާ އަތުލަން އުޅުމުން އިމާރާތުގެ ވެރި ފަރާތުން އެކަމަށް އިޖާބަ ނުދިނުމުން، ބަޔަކު ގަސްތުގައި އެ އިމާރާތުގައި ރޯކޮށްގެން ކަމަށް ވަނީ ސާބިތުކޮށްފައެވެ.

މި ހަމަލާއާ ގުޅިގެން ދަން ޖައްސައިގެން މަރަން ހުކުމް އިއްވި 2 މީހުންނަކީވެސް އެމްކިއުއެމް ޕާޓީއާއި ގުޅުން އޮންނަ 2 މީހުން ކަމަށް މައުލޫމާތު ލިބެއެވެ. މި ޕާޓީއަކީ ހަމަލާ ދިން ދުވަސްވަރު އެ ސަރަހައްދުގައި ބާރާއި ނުފޫޒު އޮތް ޕާޓީއެކެވެ.

ޕާކިސްތާނުގެ ވިޔަފާރި މަރުކަޒީ ސިޓީގެ ގޮތުގައި ބަލަމުން ކަރާޗީގައި 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދިން ހަމަލާގައި ރޯވެ އަނދަމުންދިޔަ އިމަރާތުގެ ތެރޭގައި އެތައް ސަތޭކަ ބަޔަކު ތާށިވީ، ނިކުންނާނެ އެއްވެސް ގޮތެއް ނެތިއެވެ. އަލިފާން ރޯކޮށްލިތާ 24 ގަޑިއިރު ވީ އިރުވެސް، ރެސްކިއު ޓީމުތަކުން ދިޔައީ އަނދަމުންދިޔަ ވަރުގަދަ އަލިފާންގަނޑުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިތަކާ، ޒަހަމްވެފައިވާ މީހުން ބޭރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

ބާލްދިއާ އަވަށުގައި ހިންގަމުންދިޔަ އަލި އެންޓަޕްރައިސަސްގެ އިމާރާތުގައި ރޯކޮށްލި އަލިފާންގަނޑުގެ ތެރެއިން މީހުން ނެރުމަށް، އެމީހުންގެ އާއިލާތަކުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

ޢަބްދުއްރަޙްމާންއާއި ޒުބައިރު ޗާރްޔާގެ މައްޗަށް، ދަން ޖައްސައިގެން މެރުމަށް ހުކުމް އިއްވި ހުކުމް ތަންފީޒު ކުރާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.