މަރުހަލާތަކަކަށް ބަހާލައިގެން، އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ޢުމްރާ ދަތުރުތައް ފެށުމަށް ހުއްދަ ދެމުންދާ ދާނެ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޢުމްރާ ދަތުރުތަކާ، ޢުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު، ޢުމްރާ ވުމަށް ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅާފައިވަނީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޝަރުތާވެސް އެކުގައެވެ.

ސައުދީ އަރަބިއްޔާގެ ދާހިލީ ވުޒާރާއިން ބުނީ ޢުމްރާ ދަތުރުތައް އަލުން ފެށުމަށް ހުއްދަ ދިނުމަށް ނިންމާފައިވަނީ، ޢުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން އެދެމުންދާތީ، ކޮވިޑް-19ގެ އަދުގެ ހާލަތަށް ރިއާޔަތްކޮށް، ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.

ޙައްޖު 1441: ޙައްޖު ވެރިންނަށް

ޢުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް ވާއިރު، އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ފުރަތަމަ މަރުހަލާގެ ދަށުން ޢުމްރާ ވުމަށް ފުރުސަތު ހުޅުވާލަނީ ސައުދީގައި ދިރިއުޅެމުންދާ އެ ގައުމުގެ ރައްޔިތުންނާ ބިދޭސީންނަށެވެ. ފުރަތަމަ މަރުހަލާގެ ކެޕޭސިޓީއަކީ އާންމު ޢުމްރާ ސީޒަނެއްގެ 30 ޕަސެންޓް ކަމަށާ، އެއީ ދުވާލެއްގެ ގާތްގަނޑަކަށް 6000 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

ދެވަނަ މަރުހަލާ ތަންފީޒު ކުރަން ފެށުމަށް ތާވަލު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހަށެވެ. މި މަރުހަލާގައި މަސްޖިދު އަލް-ޙަރަމްގައި ޢުމްރާ ވެވޭ ކެޕޭސިޓީ 15000 މީހުންނަށް އިތުރުކޮށް، އަޅުކަން ކުރުމަށް ދުވާލެއްގެ މައްޗަށް 40000 މީހުންނަށް އެ މިސްކިތަށް ވަދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް މައްކާއަށް ޙައްޖާޖީން އެތެރެވަނީ/ފޮޓޯ: ހަރަމައިން ޝަރީފައިން | ސައުދީ ޙައްޖު މިނިސްޓްރީ

ގައުމުން ބޭރުން ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް ޢުމްރާ ވުމުގެ ފުރުސަތު ދެނީ 3 ވަނަ މަރުހަލާގައެވެ. 3 ވަނަ މަރުހަލާ ފެށުމަށް ތާވަލު ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. މިއީ ފުލް-ކެޕޭސިޓީގައި ހިންގައިގަންނާނެ މަރުހަލާއެކެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުވާލަކު 20000 ޢުމްރާ ވެރިންނަށް ފުރުސަތު ލިބޭނެ ކަމަށާ، އަޅުކަން ކުރުމަށް ދުވާލަކު 60000 މީހުންނަށް ފުރުސަތު ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

4 ވަނަ މަރުހަލާއަކީ މަސްޖިދު އަލް-ޙަރަމް، އާންމު ހާލަތަށް ގެނެވޭ މަރުހަލާއެވެ. އެއީ ކޮވިޑް-19ގެ ހުރިހާ ނުރައްކަލެއް ފިލާ ދިއުމުން ތަންފީޒު ކުރާ މަރުހަލާއެކެވެ.

ސައުދީއިން ޚަބަރު ދޭ ގޮތުގައި ޢުމްރާ ވެރިންނާ، އަޅުކަން ކުރަން އަންނަ ފަރާތްތަކާ، ޒިޔާރަތްކުރާ ފަރާތްތަކަކީ ވަކީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް މޮނިޓާ ކުރެވޭނެ ބައެކެވެ. މިއީ ސިއްހީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑުތައް ދެމެހެއްޓުމަށާ، އަޅުކަމުގެ ދަތުރުތައް ބުކް ކޮށް ހެދުމަށް ލުއި ފަސޭހަކަން ލިބިދޭ ގޮތަށް، ސައުދީގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ލޯންޗްކުރި އެޕްލިކޭޝަނެކެވެ.

މުޤައްދަސް ބިނާތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުން ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ފޭސްމާސްކު ބޭނުން ކުރުމަށާ، އެކަކު އަނެކަކާ ދެމެދު ރައްކާތެރި ދުރުމިނެއް ބެހެއްޓުމާ، ޖިސްމާނީ ގޮތުން އެކީ އެއްތާވާ ކޮންޓެކްޓުންނާ ދުރުވުމަށްވެސް ސައުދީގެ ދާހީލީ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

ސައުދީ އަރަބިއްޔާގައި ހުންނަ މާތްވެގެންވާ މަސްޖިދު އަލް-ނަބަވީގެ ސެކިއުރިޓީ ބެލެހެއްޓުމާ ސާފު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޙަރަމައިންގެ ރައީސް ޝައިހު ޢަބްދުއްރަޙްމާން އަލް ސުދައިސް ބައްދަލުކުރައްވަނީ/ފޮޓޯ: ޓްވިޓާ

ސައުދީގެ އެތެރެއިންނާއި ބޭރުން، އަޅުކަން އަދައިގެން އަންނަ ފަރާތްތަކަށް، ރައްކާތެރި، ދުޅަހެޔޮ ވެއްޓެއްގައި އަޅުކަން ފުރިހަމަ ކުރުމުގެ ބާރު، އެ ފަރާތްތަކަށް ދިނުމަށް ސައުދީއިން އެދޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ސައުދީ އަރަބިއްޔާއިން ޢުމްރާ ދަތުރުތައް މެދުކަނޑާލީ މިއަހަރުގެ ކުރީކޮޅުއެވެ. މީގެ އިތުރުން، ޙައްޖުގެ އަޅުކަންވެސް ކުރިއަށް ގެންގޮސްފައިވަނީ ސަލާމަތާ، ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އޭގެ އެންމެ ހަރުކަށި ކަމާއެކު ތަންފީޒުކުރަމުންނެވެ.