ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދައިފިއެވެ.

ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުން ބޮޑު ކުށަަކަށް ހަދާ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެއި 3 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. އެ އިސްލާހަކީ މިމަހު 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާ އިސްލާހެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ކުރިން އޮންނަ ގޮތުން، ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ހިމާނާފައިވާއިރު އޭގެ ތެރޭގައި ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހިމަނާފައެއް ނުވެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ހުށަހަޅާ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރިއިރު ބޮޑެތި ކުށްތައް ހިމެނޭ މާއްދާއަށް ވަނީ ބޮޑެތި އިސްލާހު ތަކެއް ގެނެސްފައެވެ.

މި ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ބޮޑު ކުށުގެ ތެރޭގައި ދެން ހިމެނޭނީ 12 ކުށެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ހިމެނެއެވެ. އަދި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތަކައި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުނއަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅި މައިގަނޑު މަގްސަދަކީ ޖިނާއީ އިޖުރާޢަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ގާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުއްވުމެވެ.