އޮޑިޓް ގާނޫނު (ގާނޫނު ނަންބަރު: 2007/4) އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި އިސްލާހުގައި އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއިއެކު، ތައައްސުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ.

ހަމައެއާއިއެކު، މި ބިލުގައި އޮޑިޓާ ޖެނެރަލްގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކަށް އިސްލާހު ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އޮޑިޓާ ޖެނެރަލްގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. ގެޒެޓުގައި ޝާއިއު ކުރުމައެކު މި ގާނޫނަށް އަމަލު ކުރަން ފަށާނެއެވެ.

އޮޑިޓް ގާނޫނަށް އިސްލާހު ގެނެސް އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއިއެކު، ތައައްސުބުން އެއްކިބާވެ، ވަކި ނުފޫޒަކަށް ލެނބުމެއްނެތި މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވާއިރު، އޮޑިޓާ ޖެނެރަލްގެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ކުރި ހަރަދުތަކުގެ އޮޑިޓް ރިޕޯޓްތައް އާންމުކޮށް، އެކަމާ ގުޅިގެން އެކި ފަރާތްތަކަށް ދަނީ ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރެގައި ސަރުކާރު ހިއްސާވާ މައި ޕާޓީގެ މެންބަރުން ގިނަކަން ފާހަގަކޮށްލެވެއެވެ.