ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން މިހާތަނަށް ލޯނުގެ ގޮތުގައި 1720 ފަރާތަކަށް 283.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ލޯނު ދޫކޮށްފައި ވަނީ 1195 ވިޔަފާރި ކުރާ ފަރާތްތަކަށާއި 525 އަމިއްލަ މަސައްކްތަ ކުރާ ފަރާތްތަކަށެވެ. އެ ގޮތުން ވިޔަފާރިތަަކަށް 267.5 މިލިއަން ރުފިޔާ ދީފައިވާ އިރު އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 15.7 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.

މި ސްކީމް ތަންފީޒު ކުރެވޭނީ އެސްޑީއެފްސީގެ "ކޮވިޑް-19 ވިޔަފާރި އެހީ" ލޯން ޕްރޮޑަކްޓްގެ ގޮތުގައެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެންމެ ކުދި،އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި ގުޅިގެން އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.