އިއްޔެ އެންމެ ހޫނުގަދަކޮށް ސޯޝަލް މީޑިއާގައި އަދި ނޫސްތަކުން ދެކެވިގެން ދިޔަ އެއް ވާހަކައަކީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަރަންޓީނާ ހިލާފުވެ ވަޑައިގެންނެވި ވާހަކައެވެ. ކަރަންޓީނުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ދުވަހެއްގައި ފޮރިން މިނިސްޓްރީގެ އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން އެތައް ބަޔަކާ ބައްދަލު ކުރެއްވި ވާހަކައެވެ.

އުސޫލުތަކާ ހިލާފުވި ވާހަކަ ދައްކާއިރު، ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލަކީ މިނިސްޓަރު ޝާހިދު ކަރަންޓީނު ވެ ވަޑައިގަންނަވަން ޖެހުނީ ކީއްވެތޯއެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދު ހުކުރު ދުވަހު އަނބުރާ ރާއްޖެ ވަޑައިގެންފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ މީހުން 14 ދުވަހުގެ ހޯމް ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

ނަމަވެސް، 14 ދުވަހުގެ މުއްދަތު ފުރިހަމަ ނުވަނީސްވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ގޮންޖެހުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ 250 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރާ ހަވާލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ޝާހިދުގެ އިތުރުން ސަރުކާރުގެ ގިނަ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ފަރާތްތައް މީގެ ތެރޭގައި ހިމެނެއެވެ.

މިކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދެން ފަލަ ސުރުހީތަކުން ޖާގަ ހޯދީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާންގެ ބަހެވެ. އޭނާ ވިދާޅުވީ، މިނިސްޓަރު ޝާހިދު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އެޗްޕީއޭއިން ދީފައިވާ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރައްވަމުން ވެސް އެ ހާއްސަ ހުއްދަ ހޯއްދަވައިގެން މިނިސްޓަރު ޝާހިދު ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ އުސުލުތަކާ އެއްގޮތަށް ގައިދުރުކަން ބަހައްޓަވައިގެން ރައްކާތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާ ވިދިގެން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް މައުލޫމާތު ދިނީ ހަމަ އެހެންނެވެ. މިނިސްޓަރު ޝާހިދަށް ދިނީ ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަށް ދެވުނު ވަކި ހާއްސަ ހުއްދައެއް ކަމަށާއި، އެ ހުއްދަ ދެވުނީ، އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު ކުރިއަށް ގެންދިޔުމަށް ކަމަށް އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ދޭ 250 މިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ނަމަވެސް، މި ރަސްމިއްޔާތުގެ ފޮޓޯއަކަށް ނަޒަރު ހިންގާލުމުން މި ފެނިގެން ދަނީ އަދި މުޅިންހެން ތަފާތު މަންޒަރެކެވެ. އެޗްޕީއޭގެ ގައިޑްލައިނުގައި ބުނާ 3 ފޫޓޫ ދުރުމިން ނެތްތަނުގައި، 3 އިންޗިގެ ދުރުމިން ވެސް ނެތީއެވެ. ހާއްސަ ހުއްދަ ދޫކޮށްގެން ކޮންމެހެން އަދާކުރަން ޖެހޭ ވަކި ޒިންމާއެއް އަދާކުރަން ވަޑައިގަތީ ޝަރުތުތަކާ އެކުއެވެ. މި ޝަރުތުތައް ފުރިހަމަ ނުވެ، ގައިޑްލައިނާ ހިލާފުވެފައިވާ މަންޒަރު ސާފުކޮށް ފެންނަން އޮތް އިރު، އެކަމާ މެދު ފިޔަވަޅު ނާޅަންވީ ވަކި ސަބަބެއް އެބަ އޮތް ހެއްޔެވެ؟

ހާއްސަ ހުއްދައިގެ ވާހަކަ ދައްކާއިރު، މިކަމާ ކަންބޮޑުވާނެ މީހުން ގިނަ ވާނެއެވެ. އާއިލީ މީހުން ނިޔާވެ، ޖަނާޒާގައި ބައިވެރިވެލުމަށް ހާއްސަ ހުއްދައަށް އެދުމުން އެ ހުއްދަ ނުލިބުނު ކިތަންމެ ބަޔަކު އެބަ ތިއްބެވެ. ބަލި އެނދުގައި އާއިލީ މީހަކު އޮވެ، އެބުނާ ހާއްސަ ހުއްދައަށް އެދިގެން، އެ ހުއްދަ ނުލިބި އުޅޭނިކޮށް، އެނދުމަތިވި، އެ އާއިލީ ފަރާތް ވަކިވެދިޔަ ކިތައް މީހުން އެބަ ތިބި ހެއްޔެވެ؟ ވަދާއުގެ ސަލާން ކުރާނެ ފުރުސަތު ނުލިބި ވަކިވެ ދިޔައީ، ހަމަ ތިބަ ބުނާ ހާއްސަ ހުއްދައެއް ނުލިބި ހުރެއެވެ.

ކަރަންޓީނާ ހިލާފުވެ ރަސްމިއްޔާތު ބޭއްވުމުގެ ހުއްދަތައް ދެމުންދާއިރު، މިއީ ހަމަ އޮންލައިންކޮށް ނުބޭއްވޭނެ ރަސްމިއްޔާތެއް ހެއްޔެވެ؟ މިނިސްޓްރީއެއްގެ ޒިންމާތަކާ، އެ މިނިސްޓްރީގެ ވެރިޔާ ހަވާލުވުމާ އުޒުރުވެރިވާ ހާލަތްތަކުގައި އެހެން މިނިސްޓަރުން ވެސް އެ ޒިންމާތަކާ ހަވާލުވެއެވެ. އަދި ޑެޕިއުޓީ މިނިސްޓަރާއި އެހެން އިސްވެރިންނަށް ވެސް އެ ޒިންމާތަކާ ހަވާލު ވެވޭނެއެވެ. ފޮރިން މިނިސްޓްރީގެ ރަސްމިއްޔާތެއްގައި މިނިސްޓަރުގެ ޖާގަ ފުރިހަމަ ކުރެއްވުމަށް އެހެން މީހަކަށް ނުދެވުނީ ކީއްވެ ހެއްޔެވެ؟

މިއީ އަރަތެއް ނޫންބާއެވެ. ވަކި ފަރާތްތަކަކަށް ގައިޑްލައިނާ ހިލާފުވުމުގެ ހާއްސަ ހުއްދަ އެއް ދެވެނީ ނޫންބާއެވެ. ގައިޑްލައިނާ ހިލާފުވުމުން ވަކި ބަޔަކަށް ފިޔަވަޅު ނޭޅެނީއެވެ. ހުއްދަ ދިނީ ޝަރުތުތަކެއް ކޮށްފައި ކަމަށްވާއިރު، އެ ޝަރުތުތަކާ ހިލާފުވެ، ގައިޑްލައިނާ ހިލާފުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޮލާލާ ޖެހުމުން، އެކަމާ ފިޔަވަޅު އެޅެން ޖެހޭނެއެވެ. ނޫނީ ތިޔަ އުސޫލަކާ، ގައިޑްލައިނެއްގެ އެއްވެސް ބޭނުމެއް ނެތެއް ނޫން ހެއްޔެވެ.