މާސް އިންސްޕެކްޝަންގެ ދަށުން މިއަދު 233 ތަނެއް ބަލާފައިވާ ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، 233 ބަލާ ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފިހާރަ ބަންދުކޮށްފައި ވާކަމަށެވެ. އެ އިންސްޕެކްޝަނުން ފާހަގަ ވެފައި ވަނީ ކަންކަން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށާއި ގައިޑްލައިންތަކާއި އެއްގޮތަށް އަމަލު ކުރާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އިންސްޕެކްޝަން ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައި ވާއިރު، އަތޮޅު ތެރޭގައި އިންސްޕެކްޝަންސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެކަމަށް އެކި ފަރާތްތައް ތަމްރީން ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ އާއްމު ހިދުމަތްދޭ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ބެލުމަށްޓަކައި އެއެޖެންސީން ހިންގާފައިވާ މާސް އެއިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް އާއްމު ހިދުމަތް ދޭކަން ފާހަގަ ކުރެވޭތަންތަނާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

އެގޮތުން އުސޫލާ ހިލާފަށް ތަނުގައި ހިދުމަތް ދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށް ފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.