އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ 2-0 އަކުން ޗެލްސީ ބަލިކުރި މެޗުގައި މިހާރުގެ ޗެމްޕިއަންސް ލިވަޕޫލްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ސީޒަންގައި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ ސާޑިއޯ މާނޭއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު މުޅިންހެން ކޮންޓްރޯލް ކުރަމުން ދިޔައީ ލިވަޕޫލެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ހާފް ނިމެންދަނިކޮށް ޗެލްސީގެ ޑިފެންޑަރު އެންޑްރިއާސް ކްރިސްޓިއަންސަންއަށް ދެއްކި ސީދާ ރަތް ކާޑާއެކު މެޗުގެ އޮއިވަރު ބަދަލުވިއެވެ. ނަތީޖާއަކަށްވީ މުޅި ދެވަނަ ހާފް 10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީގެ ކޮޅަށް ލިވަޕޫލުން ދެ ލަނޑު ޖަހާ މެޗު ކާމިޔާބުކުރުމެވެ.
ކްރިސްޓިއަންސަންއަށް ރަތް ކާޑު ދެއްކީ ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ މާނޭއަށް ފައުލް ކުރުމުންނެވެ.
ދެވަނަ ހާފްގައި ލިވަޕޫލުން ހަމަލާއަކަށް ފަހު ހަމަލާއެއް ޗެލްސީގެ ގޯލަށް އަމާޒުކުރި އިރު 50 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ލަނޑު މާނޭ ކާމިޔާބުކުރީ ލިވަޕޫލްގެ ތިން ފޯވަޑުން ގުޅިގެން އުފެއްދި ރީތި ހަމަލާއެއްގައެވެ. އޭނގެ ހަތަރު މިނެޓް ފަހުން 54 ވަނަ މިނެޓްގައި މާނޭ ދެވަނަ ލަނޑު ޖެހީ ޗެލްސީގެ ކީޕަރު ކެޕާއަށް ހެދުނު ގޯހަކުންނެވެ.
މި ސީޒަންގައި ލިވަޕޫލާ އަލަށް ގުޅުނު ތިއާގޯ ރޭގެ މެޗުގެ ދެވަނަ ހާފްގައި ފެނިގެން ދިޔަ އިރު އޭނާ ވަނީ މުޅި ހާފްގައި 75 ޕާސް ކޮށްފައެވެ. ރޭގެ މެޗުގައި ޗެލްސީގެ އެއްވެސް ކުޅުންތެރިއަކަށް މިވަރަށް ޕާސް ނުކުރެވެއެވެ.
ތިއާގޯ ކުރި ފައުލަކުން ޗެލްސީއަށް ރޭގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް ލިވަޕޫލްގެ ކީޕަރު ވަނީ ޗެލްސީގެ ކެޕްޓަން ގޯޖީނިއޯ ޖެހި ޕެނަލްޓީ ހުށިޔާރު ކަމާއެކު ހިފަހައްޓާފައެވެ.
ރޭގެ މެޗަށް ފަހު ވާހަކަ ދައްކަވަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ އޭނާގެ ޓީމުގެ ފަރާތުން ރޭ ފެނުނީ ފުރިހަމަ ކުޅުމެއް ކަމަށާ ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި ޑިފެންޑަރެއްގެ ގޮތުގައި ކުޅެމުން ދިޔަ މިޑްފީލްޑަރު ފަބީއޯގެ ކުޅުން ވަރަށް ހިތް ގައިމު ކަމަށާ އަލަށް ގުޅުނު ތިއާގޯއާ މެދު ވެސް ހިތް ހަމަ ޖެހޭ ކަމަށް ކްލޮޕް ބުންޏެވެ.
މިސީޒަންގައި އެންމެ ގިނައިން ޚަރަދުކޮށްފައިވާ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ރަތް ކާޑު ދެއްކި ހިސާބުން ކަމަށާ އެއީ އެއް ބައި ރެފްރީންނަށް ރަތްކާޑަކަށް ނުވާނެ ކަމަށެވެ.