މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެމްއެމްސީގެ މަގާމުތަކަށް ކުރިމަތިލުމަށް މުއްދަތު އިތުރުކޮށްފައިވަނީ އެމްއެމްސީގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު، ޑިސެމްބަރު 11، 2020 ގެ ނިޔަލަށް ހަމަވާތީ، ހުސްވެފައިވާ މަގާމުތަކަށް ކެނޑިޑޭޓުން ނަން ހުށަހެޅުމަށް އެމިނިސްޓްރީން ކުރި އިއުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ ކަމަށެވެ.

އެމްއެމްސީގެ މެންބަރުކަމަށް ކުރިމަތިލާނީ މީޑިއާ ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 6 މެންބަރުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުން ކަމަށް އެ ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށާއި އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރު ކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. ކައުންސިލް މެންބަރަށް ކުރިމަތިލާން ހުޅުވާލާފައި ވީނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް ހޯމް މިނިސްޓްރީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

  • ދިވެހި ރައްޔިތަކު ކަމުގައިވުން.
  • އުމުރުން 18 އަހަރު އަހަރު ފުރިފައިވުން.
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.
  • މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި ، އަހްލާގު ރަނގަޅު މީހެއްކަމުގައިވުން.
  • ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުންޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އެ މަގާމަށް ވާދަކުރަން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު 28، 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައިވާ، "ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީގެ އީމެއިލް އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީން ވަނީ މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، ކުރީގެ އިއުލާނާ ހަވާލާދީ މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން ވެސް ފޯމާއި ލިޔެކިޔުންތައް އަލުން ހުށަހެޅުމަށް އެދިފައެވެ.