ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ހާން ދުރުކުރުމަށް، ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިއްތިހާދު ހަދައިފިއެވެ.

ޕާކިސްތާނުގެ މައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއްގަލަކަށް އަރާ، އިއްތިހާދު ހަދާފައި ވަނީ، ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް އިމްރާންއަށް ޑިމާންޑް ކުރުމަށް މުޒާހަރާ ކުރުމުގެ ގޮތުން ކަމަށް ޚަބަރު ލިބެއެވެ.

26 ނުކުތާގެ މައްޗަށް އެކުލެވޭ ގަރާރެއް ބަލައިގެންފައިވާ އޯލް ޕާޓީސް ކޮންފަރެންސް (އޭޕީސީ) ގައި، ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)، ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެލްއެމް-އެން) އަދި ޖަމީއަތު އުލެމާ-އީ-އިސްލާމް ފަޒްލް (ޖޭޔޫއައި-އެފް) އާއި އަދިވެސް އިތުރު ޕާޓީތަކެއް ހިމެނެއެވެ.

އޭޕީސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިވަގުތު އިނގިރޭސިވިލާތުގައި ސިއްހީ ފަރުވާއަށް ވަޑައިގެން ހުންނެވި، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ވަނީ ވާޗުއަލް ތަގުރީރެއް ދެއްވާފައެވެ. މި ތަގުރީރުގައި ނަވާޒް ޝަރީފު ވަނީ އެ ގައުމުގައި ހިންގާ ސިޔާސީ ހަރަކާތްތަކުން އަސްކަރިއްޔާ ދުރުވުމަށް އެދިވަޑައިގެންފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއަށް ނުސީދާ ގޮތުން ހަމަލާ އަމާޒު ކުރައްވަމުން ނަވާޒް ޝަރީފު ވިދާޅުވީ، ހަރަކާތްތެރިވާން ޖެހިފައިވަނީ އިމްރާން ހާންއާއި ދެކޮޅަށް ނޫން ކަމަށާ، ނަމަވެސް، އިމްރާން ހާން ފަދަ، ކަމަށް ނާގާބިލު މީހަކު ވެރިކަމަށް ގެނެސް ގައުމު ހަލާކު ކޮށްލުމަށް (2018ގެ) އިންތިހާބާ ކުޅެލި މީހުންނާ ދެކޮޅަށް ކަމަށެވެ.

އިމްރާން ހާން ވެރިކަމުން ބޭލުމަށް ޕާކިސްތާނުގައި އެކުލަވާލި އިއްތިހާދުން ވަނީ، ޕާކިސްތާނުގެ ދާހިލީ ކަންކަމާ އަސްކަރިއްޔާއިން ބެހެމުންދާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ބުނެ، އެކަމާ އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އަދި އިންތިހާބާ ގުޅުންހުރި އިސްލާހީ ބަދަލުތަކެއް ގެނެސް، މިނިވަން، އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބުތަކެއް ބޭއްވުމަށްވެސް އިދިކޮޅު އިއްތިހާދުން ވަނީ ގޮވާލާފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިމްރާން ދުރުކުރުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އެކުލަވާލި އިއްތިހާދުން މުޒާހަރާތައް ކުރުމަށް ހަމަޖެހިފައި ވަނީ 3 މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހު ފަށާ ޖޮއިންޓް ރެލީތައް ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހު ވެރިރަށް އިސްލާމްއާބާދުގައި، ވެރިކަން ވައްޓާލަން ގޮވާލަމުން ކަމަށް މައުލޫމާތު ލިބެއެވެ.