ހއ.ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލްއާއި ފަޔާ ބިލްޑިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އެ މަޝްރޫއުގައި ސޮއިކުރެވިފައިވަނީ އޯގަސްޓް 27، 2020 ގައެވެ. އަދި އެ މަޝްރޫއަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މި ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 13.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހޯރަފުށީ އެއާޕޯޓްގައި 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ނިންމާފައިވާއިރު 8635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެސްކީ ވޭއެއްގެ އަދި ސާވިސް މަގުތަކާއި 9473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 1718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާއި 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.