ކަސްޓަމަރުންނަކީ މަކަރާ ހީލަތް ބައެއްކަން ހަދާ ބައެއްކަން އެނގިހުރެމެ، ބޭންކު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެތައް މިލިއަން ޑޮލަރެއްގެ ފައިސާ ޓްރާންސްފާ ކުރުމަށް ހޮންގްކޮންގް އެންޑް ޝަންހާއީ ބޭންކިންގް ކޯޕަރޭޝަން ލިމިޓަޑް (އެޗްއެސްބީސީ) އިން ހީލަތްތެރިންނަށް ފުރުސަތު ދީފައި ވާ ކަން، ލީކުވި ފައިލްތަކަކުން ހާމަވެއްޖެއެވެ.

އެޗްއެސްބީސީއިން މި ގޮތަށް ފައިސާ ޓްރާންސްފާ ކޮށްފައިވަނީ އެމެރިކާގެ ވިޔަފާރިތަކުން، ހޮންގްކޮންގްގެ އެޗްއެސްބީސީ އެކައުންޓްތަކަށް، 2013 އާއި 2014 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްއެސްބީސީއިން ހިންގާފައި ވާ މުއާމަލާތްތަކުގެ ތެރެއިން ޝައްކު ކުރެވޭ މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓްތައް ނުވަތަ ފައިންސެން ފައިލްސްއިން ދައްކާ ގޮތުގައި، އެ ބޭންކުން ހީލަތްތެރި މުއާމާލްތަތަކަށް މަގު ތަނަވަސްކޮށްދީގެން ޓްރާންސްފާ ކޮށްފައިވާ ފައިސާގެ އަގު 80 މިލިއަން ޑޮލަރަށް އަރައެވެ.

އެޗްއެސްބީސީއިން ބުނަމުންދަނީ، އެފަދަ ހަރަކާތްތައް ރިޕޯޓް ކުރުމުގައި ގާނޫނީ އިމުގެ ތެރެއިން މަތިކޮށްފައިވާ ހުރިހާ ޒިންމާއެއް އަދާ ކުރާ ކަމަށެވެ. އެޗްއެސްބީސީއިން ވަނީ، މިފަދަ މުއާމާލަތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް ވައުދުވެފައެވެ.

ހީލަތްތެރި މުއާމަލާތްތަކުގެ ޝިކާރައަކަށްވި އިންވެސްޓަރުންގެ ވަކީލުން ވަނީ، ފްރޯޑުގެ ޖަރީމާ ހިންގާ ކްލަޔަންޓުންގެ އެކައުންޓްތައް ބަންދު ކުރުމަށް އެޗްއެސްބީސީއިން އަވަސް ދުވެއްޔެއްގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފައިންސެން ފައިލްސްއިން ހާމަވި ބައެއް ކަންކަމަށް ބަލާއިރު، ނުރައްކާތެރި ކްލަޔަންޓެއްގެ ގޮތުގައި ބެލެވޭ ކަސްޓަމަރަކު 1 ބިލިއަން ޑޮލަރު ޓްރާންސްފާ ކުރުމަށް އެމެރިކާ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ގުނާލެވޭ ބޭންކަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީހަކު ޑޮލަރު ތަކެއްގައި ހިފައިގެން

ފައިންސެން ފައިލްސްއަކީ ކޮބާ؟

ފައިންސެން ފައިލްސްއަކީ ބޭންކިންގް މުއާމަލާތްތަކުގައި ތުހުމަތު/ޝައްކު އެކުލެވޭ 2100 ކޭހެއް ހިމަނާފައިވާ، 2657 ޑޮކިއުމަންޓެއްގެ މައްޗަށް އެކުލެވޭ ރިޕޯޓެކެވެ.

ޝައްކު އެކުލެވޭ ރިޕޯޓްތަކަކީ އޭގައި ޖަރީމާއެއް ނުވަތަ ކުށެއް އޮވެގެން ބޭންކުތަކުން އެކުލަވާލާ ރިޕޯޓެއް ނޫނެވެ. ނަމަވެސް، އެއީ ކަސްޓަމަރަކާ މެދު އުފެދޭ ޝައްކުތަކެއްގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭންކުން ފޮނުވާ ރިޕޯޓްތަކެކެވެ.

ބޭންކެއް މެދުވެރިކޮށް މުއާމަލާތް ހިންގާ ކްލަޔަންޓުންގެ ވަނަވަރަކީ ކޮބައިކަން ބޭންކަށް ސާފުވެފައި އޮތުމަށް ގާނޫނު ލާޒިމުކުރެއެވެ. އަދި ޝައްކު އެކުލެވޭ މުއާމާލްތައް ރިޕޯޓް ކުރުމަށްފަހު، އެފަދަ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް އިތުރު މުއާމަލާތްތައް ހިންގަން ފުރުސަތު ދީގެން އޮތުމަށްވެސް ބޭންކަށް ޖާގައެއް ނެތެވެ. ކްލަޔަންޓަކު ޖިނާއީ ޖަރީމާއެއްގައި ބައިވެރިވާކަން ބޭންކަށް އެނގޭ ހިސާބުން، އެ ކްލަޔަންޓެއްގެ ފަރާތުން ފައިސާގެ މުއާމާލަތު ކުރުން ބޭންކުން ހުއްޓާލަންޖެހެއެވެ.

އެޗްއެސްބީސީގެ މުއާމަލާތްތަކާ ގުޅިގެން ލީކުވި ފައިންސެން ފައިލްސްއަށް ބަލާއިރު، ދުނިޔޭގެ ބޮޑެތި ބޭންކުތަކެއް މެދުވެރިކޮށް ކަޅުފައިސާ ދޮވުމުގެ ޖަރީމާ ހިންގާފައިވާކަން ހާމަވެއެވެ. އަދި ފައިސާ ފޮރުވުމަށް، އިނގިރޭސިވިލާތުގެ ބޭންކުތަކެއް ބޭނުންކޮށްފައި ވާ ކަންވެސް ހާމަވެއެވެ.

އެޗްއެސްބީސީގެ ޝައްކު އެކުލެވޭ މުއާމަލާތްތަކުގެ ރިޕޯޓްތައް ލީކުކޮށްލީ ބަޒްފީޑް ވެބްސައިޓްގައެވެ. އަދި އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އާއިވެސް މި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އައިސީއައިޖޭއަކީ ޕެނަމާ ޕޭޕާޒްއާއި ޕެރަޑައިޒް ޕޭޕާޒް ފަދަ މާލީ ބޮޑެތި ޖަރީމާތައް އާންމު މުޖުތަމައަށް ތިލަކުރުމުގެ ފަހަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ރިޕޯޓަރުންގެ ޕޫލެކެވެ.

ލީކުވެފައިވާ ފައިންސެން ފައިލްސްއަށް ބަލާއިރު، ހީލަތުގެ ތެރެއިން ޓްރާންސްފާކޮށްފައިވާ ފައިސާގެ އަގު، އެތައް ޓްރިލިއަން ޑޮލަރަކަށް އަރައެވެ.