ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަތަކެއް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް އަހްމަދު ސައީދަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާތަކުގައި ގާތްގަނޑަކަށް 27 މައްސަލައެއް ބަލައިދޭން އެދިފައިވާ ކަމަށެވެ. އޭގެެ ތެރޭގައި ވަޒީފާއާ ގުޅުން ހުރި މައްސަލަތަކާއި ޕްރޮކިއުމަންޓާ ގުޅެ މައްސަލަތަކެއް ހުރިކަމަށް އޭސީސީން ބުނެއެވެ.

ނަމަވެސް ފެނަކައިގެ އެމްޑީގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތައް ތަހުގީގު ކުރުމާ މެދު ކޮމިޝަނުން ގޮތެއް އަދި ނުނިންމާ ކަމަށް އޭސީސީން ބުނެއެވެ.

މި ސަރުކާރު އައި ފަހުން ފެނަކައާ ދެކޮޅަށް މިހާ ގިނަ ތުހުމަތުތައް ކުރި މީ ފުރަތަމަ ފަހަރެވެ. ކުރީގެ ސަރުކާރުގައި ފެނަކައާ ދެކޮޅަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އޭގތެރެއިން ގިނަ މައްސަލަަތަކެއް ވަނީ އޭސީސީން ތަހުގީގުވެސް ކޮށްފައެވެ.