އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސައުތްހެމްޓަނާ ޓޮޓެންހަމް ބައްދަލުކުރި މެޗު 2-5 އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
މެޗުގައި ޓޮޓެންހަމްއިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ އެޓީމަށް ކުޅޭ ސައުތް ކޮރެއާގެ ފޯވަޑް ސަން ހިއުންގް މިންއެވެ.
އެހެން ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ސައުތްހެމްޓަންގެ ތަޖުރިބާކާރު ފޯވަޑް ޑެނީ އިންގްސެވެ. އެއަށް ފަހު މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ސަން ވަނީ ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ހަދާފައެވެ.
ސީޒަންގެ ފުރަތަމަ މެޗުން އެވަޓަން އަތުން ބަލިވި ޓޮޓެންހަމްގެ ފަރާތުން މިއަދުގެ މެޗުގައި ފެނިގެން ދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ޙާއްސަކޮށް މެޗުގެ ދެވަނަ ހާފްގައި ކުރިއަށް ކުޅޭ ސަން އަދި އިނގިރޭސި ފޯވަޑް ހެރީ ކޭން ގުޅިގެން އުފެއްދި ހަމަލާތައް ބަލާލަން ހިތްގައިމެވެ. ސަން ޖެހި ހަތަރު ލަނޑު ވެސް އުފައްދާފައިވަނީ ކޭންއެވެ.
ދެވަނަ ހާފްގައި ސަން ވަނީ އިތުރު ތިން ލަނޑު ޖެހި އިރު މެޗުގެ 82 ވަނަ މިނެޓްގައި ކޭން ވެސް ލަނޑެއް ޖަހާ ސްކޯ 1-5 އަކަށް ހެދިއެވެ.
މެޗު ނިމެންދަނިކޮށް ސައުތްހެމްޓަންއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ސްކޯ 2-5 އަކަށް ހަދާ ދިނީ މެޗުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޑެނީ އިންގްސެވެ.