މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓްކުރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާށް ހިސާބުތަކަށް ބަލާއިރު މި ބައްޔަށް، މި ހާތަނަށް، 31008616 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދާ ހަމައަށް އައިއިރު އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކޮށްފައިވަނީ އެމެރިކާ (6967420)، އިންޑިއާ (5400619)، ބްރެޒިލް (4528347) އަދި ރަޝިއާ (1103399) އިންނެވެ.
ފާއިތުވީ 24 ގަޑިއިރެއްހާއިރަށް ބަލާއިރު އެންމެ ގިނަ ކޭސް ރެކޯޑް ކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން 92755 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައިވެއެވެ. އިންޑިއާގެ ފަހަތުން އިއްޔެ އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކުރީ 42533 ކޭސް ރެކޯޑް ކުރި އެމެރިކާއިންނެވެ. އެއަށްފަހު 30913 ކޭސް ރެކޯޑް ކުރި ބްރެޒިލްއާއި 13498 ކޭސް ރެކޯޑް ކުރި ފަރަންސޭސިވިލާތެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 7432062 ކޭސް ރެކޯޑް ކޮށްފައިވެއެވެ. މިވަގުތު އެކްޓިވް ކޭސްތައް އެންމެ ގިނައީ އެމެރިކާ، އިންޑިއާ އަދި ބްރެޒިލްއާއި ފްރަންސޭސިވިލާތުގައެވެ.
ކޮވިޑް-19ގައި މިހާތަނަށް 961734 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 22614820 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.