ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މަޖިލިސް މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

މަޖިލީހުގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ނިންމައިދިނުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އެ އިންސްޓިޓިއުޓުގެ ކައުންސިލު މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާނޫނު އަސާސީގައި އޮތް އެއްޗެއް ޔައުގޫބަށް އެނގިވަޑައި ނުގަތުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުވެސް ކިޔަމުންނެވެ. އެކަމަށް ފާޑު ކިޔި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޔައުގޫބުގެ މެންބަރުކަމުގެ ޝަރުތު ނެތިއްޖެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގެއްލޭނެ ކަމެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ޔައުގޫބު އެ މަގާމާ ހަވާލު ވުމަށްފު، ފަހުން އޭނާ ވަނީ އިސްތިއުފާދެއްވާފައެވެ. ނަމަވެސް މަގާމާ ހަވާލުވެވަޑައިގެން މަގާމުގެ ފަތްކޮޅާވެސް ޔައުގޫބު ހަވާލުވެވަޑައިގަތެވެ.