ސެޕްޓެމްބަރު 19، 2003 ވަނަ ދުވަހު މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަޑި ޖަހަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް ދީދީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މާފުށީ ޖަލުގައި އެ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ދެކެވެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި ޖަލުގައި ތިބި ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން ރައީސް މައުމޫން އަމުރު ނުކުރައްވާ ކަމަށެވެ.
އަދި އެފަދަ ވާހަކަ ތަކަކީ ޓްވީޓަކުން ދައްކަން ބޭނުން ނުވާ ވާހަކަ ތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ދީދީގެ އެ ވާހަކަތަކާ ގުޅިގެން ރައީސް މައުމޫން ވަނީ ހަގީގަތް ހާމަކުރެއްވީތީ އޭނާއަށް ޝުކުރު އަދާކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.
އިބްރާހިމް ދީދީ އެފަދައިން ވިދާޅުވެފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު، ޖަލުގައި ބަޑި ޖެހީ ސިފައިންގެ އިސްވެރިޔާގެ (ރައީސް މައުމޫން) އޯޑަރަށް ކަމަށާއި ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލި ނަމަވެސް ބަޑިޖަހަން އޯޑަރު ކުރި މީހާ އުޅެމުން ދަނީ އުފަލާއި އަރާމުގައި ކަމަށް ވިދާޅުވެފައި ވާތީއެވެ.
މީގެ އިތުރުން 2003 ވަނަ އަހަރު މާފުށީ ޖަލުގައި އީވާން ނަސީމަށް އަނިޔާކޮށް މަރާލުމާއި އަދި ބަޑިޖަހައި އިތުރު ގައިދީން މެރި ޖަރީމާއަށް 17 އަހަރު ފުރުން ފާހަގަކުރަމުން އެމްޑީޕީން ވަނީ ރައީސް މައުމޫނަށް ފާޑުކިޔުން އަމާޒު ކޮށްފައެވެ.
އެގޮތުން އަނިޔާވެރި އެއްވެސް އަމަލަކާ ނުލައި، އުމުރުން އެންމެ 16 އަހަރުގައި ޖަލަށްލައި ހައްޔަރުކުރި އީވާން ނަސީމު، އޭގެ 3 އަހަރު ފަހުން މާފުށީ ޖަލުގައި ސިފައިން އެނާގެ ގައިގައި ތަޅައި ލާއިންސާނީ އަނިޔާ ކުރުމަށް ފަހު މަރާލާފައިވާ ކަމަށާއި އެއަށް ފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ރައީސް މައުމޫނުގެ ސަރުކާރުގެ އަނިޔާވެރި ޖަރީމާއަށް ފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވާ ކަމަށާއި އެގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށް ވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައި ވަނީ އޯޑަރުގެ މަތިން ނޫންކަމަށް ވާނަމަ ސިފައިންގެ ގާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތް ކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާން ޖެހިފައި ވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.