ރާއްޖޭގައި ދޮގު ހަދާ މީހުންގެ އަނގަ ހައްދު ޖަހާނަމަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އަނގަފުޅުގައި އެންމެ ދަތެއްވެސް ނުހުންނާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (ޢަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ހުސައިން މިހެން ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި ސަރުކާރުގެ ބައެއް އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުން އަންނާތީ އެކަމާ ގުޅިގެން ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖަމީލު ތުހުމަތުތަކެއް ކުރެއްވުމުންނެވެ.

އަނދުން ހުސައިން ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. ޖަމީލް ޓެގް ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ، މި ރާއްޖޭގައި އަނގަ ހައްދު ޖެހުން ހުއްޓާ ނުލާ އޮތް ނަމަ ޖަމީލްގެ އަނގަފުޅުގައި އެންމެ ދަތެއްވެސް ނުހުންނާނެ ކަމަށެވެ. އެއީ ހިތާމައިގެ ކޮޅެއް ނެތް ކަމެއް ކަމަށާއި ޖަމީލު މިހާރު އެ ހުންނެވީ ދޮގު ހައްދަވަމުން ގޮސް "ކައްޒާބަށް ވެފައި" ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމީލުގެ އަމަލުތައް ކައްޒާބާ އެއް ހަމައަކަށް އަނދުން ހުސައިން ސިފަ ކުރެއްވި އިރު، ކައްޒާބަކީ ރަސޫލު ޒަމާނުގައި އެންމެ ބޮޑަށް ދޮގު ހަދަމުން ދިޔަ މީހާއެވެ. އޭނާ ދޮގު ހަދަމުން ދިޔައީ ސަމާސާއަކަށް ނޫނެވެ. އަދި އޭނާގެ ދޮގުތަކަށް ތަބާވި ބައެއް މީހުން އޭނާއަކީ ނަބީބޭކަލެއް ކަމަށް ވެސް ދައުވާ ކުރިއެވެ.

ޖަމީލު ވަނީ ކޮވިޑާ ގުޅިގެން ފެންމަތިވަމުން ދިޔަ ކޮރަޕްޝަންގެ މައްސަލަތަަކަށް ހޫނު ގަދަ ރައްދެއް ދެއްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ ރައްޔިތުން ބަނޑަށްޖެހި ދެކޮޅު ނުޖެހިގެން އުޅޭ މި ހާލަތުގައި ގައުމުގެ ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަން ކަމަށެވެ. ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް ކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ. އެހެންކަމުން ތަރައްގީ ވަޒަން ކުރަނީ ވަޒީރުންގެ ދަތުރުތަކުންތޯ އާއި އެމްޑީޕީގެ ވެރިކަމުގައި ގައުމު ތަރައްގީ ކުރެވުނީ ހުސް ކޮރަޕްޝަނަށްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.