އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެވަޓަންއާ ވެސްޓް ބްރޯމް އަލްބިއަން ބައްދަލުކުރި މެޗު 5-2 އަކުން އެވަޓަން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މިސީޒަނަށް ލީގަށް އަލަށް ޕްރޮމޯޓްވި ވެސްޓް ބްރޯމްއިންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުގެ ޑައިގްނާ ޖަހާ ދިނީ ހިތްގައިމު ލަނޑެކެވެ.
މެޗުގެ 31 ވަނަ މިނެޓްގައި އެވަޓަންއަށް އެއްވަރުކޮށްދިން ލަނޑު ޖަހާ ދިނީ ސީޒަންގައި އެޓީމުގެ ކުޅުނު ފުރަތަމަ މެޗުގަައި ވެސް ލަނޑު ޖަހައިދިން ކުޅުންތެރިޔާ ޑޮމިނިކް ކެލްވިޓް ލުވިންއެވެ. އެއަށް ފަހު ފުރަތަމަ ހާފް ނިމެންދަނިކޮށް މި ސީޒަންގައި އަލަށް އެޓީމާ ގުޅުނު ހަމޭސް ރޮޑްރީގޭޒް ވަނީ އެވަޓަންގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާ ޓީމަށް ލީޑު ނަގާދީފައެވެ.
ހާފް ނިމިގެން ދިޔަ އިރު ފެނިގެން ދިޔައީ ޖެހިހެޖިގެން ދެއްކި ދެ ރަތް ކާޑެވެ. ރޮޑްރީގޭޒްއަށް ކުރި ފައުލަކަށް ވެސްޓް ބްރޯމްގެ ކިއަރަން ގިބްސްއަށް ސީދާ ރަތް ކާޑެއް ދެއްކި އިރު ރެފްރީގެ ނިންމުމާ ހިތް ހަމަނުޖެހުން ފާޅުކުރި ވެސްޓް ބްރޯމްގެ ކޯޗް ސްލަވަން ބިލިޗް އަށް ވެސް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.
ދެވަނަ ހާފްގައި ވެސް ގިނަ ލަނޑުތަކެއް ފެނިގެން ދިޔައިރު 47 ވަނަ މިނެޓްގައި ޖެހި ލަނޑާއެކު ވެސްޓް ބްރޯމް ވަނީ ސްކޯ 2-2 އަކަށް ހަދާފައެވެ.
އެހެން ނަމަވެސް މެޗުގެ ބާކީ އޮތް ވަގުތުގައި އެވަޓަންއިން ވަނީ ތިން ލަނޑު ޖަހާ 5-2 އަކުން މެޗު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފްގައި ލަނޑު ޖެހި ކެލްވިޓް-ލުވިން ވަނީ ދެވަނަ ހާފްގައި އިތުރު ދެ ލަނޑު ޖަހާ ހެޓްރިކެއް ހަދާފައެވެ. މިއީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ވެސް ހެދި ފުރަތަމަ ހެޓްރިކެވެ.
އޭނާގެ ހެޓްރިކްގެ ކުރިން އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން ވެސް ވަނީ ލަނޑެއް ޖަހާފައެވެ.
މި މޮޅާއެކު އެވަޓަން މިވަނީ ސީޒަންގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ. މިއީ އަށް އަހަރުގެ ތެރޭގައި އެޓީމުގެ ސީޒަނެއްގެ ފުރަތަމަ ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.
ސީޒަންގެ ފުރަތަމަ މެޗުން ވެސް ދަށްވި ވެސްޓް ބްރޯމްއަށް އަނެއްކާ ވެސް މިވަނީ ޕްރިމިއާ ލީގުގެ ހިތި ފިލާވަޅެއް ލިބިފައެވެ.