ގދ. ހޯޑެއްދޫން މިއަދު 23 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރން (އެޗްއީއޯސީ) "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިއަދު ބަލިން ރަނގަޅުވި 44 މީހުންގެ ތެރެއިން 23 މީހަކީ ހޯޑެއްދޫން ޕޮޒިޓިވްވެ، ބަލިން ރަނގަޅުވި މީހުން ކަމަށެވެ. މީގެ ކުރިން އެ ރަށުން ޕޮޒިޓިވްވި 4 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހޯޑެއްދޫގައި ކޮވިޑް-19 ފެތުރެމުން ދާއިރު، އެރަށުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު ވަނީ 44 އަށް އަރައިފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު އެ ރަށުގައި 17 މީހަކު ހުރިއިރު، އެއީ ފުރަބަންދު ކަރަންޓީން ކޭސްތަކާ އެއްވެސް ގުޅުމެއް ނެތް، ދަތުރުނުކުރާ ބައެއްގެ މެދުގައި އުފެދިފައިވާ ކްލަސްޓާއެކެވެ. އެ ކްލަސްޓާގެ ތެރެއިން ޕޮޒިޓިވް ދެމީހަކަށް ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާއިރު، ދެން ތިބި މީހުން ތިބީ ހޯމް ކަރަންޓީނުގައެވެ.

ހޯޑެއްދޫއިން މިހާތަނަށް ވަނީ ރެންޑަމް ސާމްޕަލްއާ އެއްކޮށް 344 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 250 ސާމްޕަލް ނެގެޓިވްވެފައިވާއިރު 44 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 50 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ގުޅުން ނެތް ކްލަސްޓާއެއް ހޯޑެއްދޫއިން ފެނިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން، އެރަށު ފްލޫ ކްލިނިކަށް ދައްކާ ޓެސްޓު ކުރުމުންނެވެ. ފުރަތަމަ ދެމީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ދެ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވަނީ އިތުރު 38 މީހަކު ފާހަގަ ކުރެވިފައެވެ.

ހޯޑެއްދޫގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި މިހާރު އެކްޓިވް ކޭސްތައް އެބަ އުޅެއެވެ. އަދި 18 ފަތުރުވެރިންނާއި 39 ސްޓާފުން ހިމެނޭ ގޮތަށް ރާއްޖޭގެ 27 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސް އެބައުޅެއެވެ.

ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 9568 އަށް އަރާފައިވާއިރު 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ބަލީގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތީ ހަމައެކަނި ހޯޑެއްދޫ އާއި މަޑަވެއްޔެވެ.