މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންތިހާ ފަގީރު ހާލުގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު 15 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)އާއި، ސޭވް ދަ ޗިލްރަން ޖަމިއްޔާ ގުޅިގެން އެކުލަވާލި އާ ރިޕޯޓެއް ބުނެފިއެވެ.

މީގެ މާނައަކީ އިތުރު 150 މިލިއަން ކުއްޖަކު، އަސާސީ ތައުލީމާ، ޒަރޫރީ ބޯހިޔާވަހިކަމާ، ހަށިގަނޑު ހެދިބޮޑުވުމަށް ބޭނުންވާ މުހިންމު މާއްދާތަކާ، ސިއްހީ ހިދުމަތްތަކާ، ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތްތަކުން މަހްރޫމްވެގެން ދިއުން ކަމަށް ރިޕޯޓް އެކުލަވާލި އިދާރާތަކުން ފާހަގަކުރެއެވެ. މިއާއެކު، ދުނިޔޭގައި މިވަގުތު އިންތިހާ ފަގީރުކަމުގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު މިވަނީ ގާތްގަނޑަކަށް 1.2 ބިލިއަނަށް އަރާފައެވެ.

އިންތިހާ ފަގީރުކަމުގައި ސަލާންޖަހަމުންދާ ކުޑަކުއްޖެއް/ފޮޓޯ: އެންސީއާރް އީރާން

ޔުނިސެފްއާއި ސޭވް ދަ ޗިލްރަން ޖަމިއްޔާގެ ރިޕޯޓް އެކުލަވާލާފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 ގައުމަކުން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ސޭވް ދަ ޗިލްރަން ޖަމިއްޔާއިން އާންމު ކުރި ޕްރެސް ރިލީޒްއެއްގައި އެ ޖަމިއްޔާގެ ސީއީއޯ އިންގާ އޭޝިންގް ވިދާޅުވީ އިލްމީ މައިދާނުގެ ތާރީހު ދުށް އެންމެ ބޮޑު ކުއްލި ނުރައްކާ ކުރިމަތިވީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކުގައި ކަމަށާ، މިދަނޑިވަޅުގައި އިންތިހާ ފަގީރު ހާލަތަށް ވެއްޓުމަކީ، އެންމެ ނާޒުކު ހާލުގައި ތިބި ކުދިންނާ އެކުދިންގެ އާއިލާތަކަށް ގެއްލިގެންދާ ބައި އަތުމަށް އިތުރަށް ދަތިކުރުވާނެ ކަމެއް ކަމަށެވެ.

އޭޝިންގް ވިދާޅުވީ އިލްމު ހާސިލުކުރުމުގެ ހައްގުން މަހްރޫމުވެގެންދާ ކުދިންނަކީ ގިނަ ފަހަރަށް ޅަ އުމުރުގައި "އަޅު މަސައްކަތަށް" ނިކުންނަން ނުވަތަ ޅަ އުމުރުގައި ކައިވެނި ކުރަން މަޖުބޫރުވާ ކުދިން ކަމަށާ، މިއާއެކު އެކުދިން ވެއްޓެނީ އިންތިހާ ފަގީރު ކަމުން އަރައިގަނެވެން ނެތް ފަދަ އަނދަވަޅަކަށް ކަމަށެވެ. ކުޑަކުދިންގެ ޖީލެއް، ބަލިމަޑުކަމުގެ ޝިކާރައަކަށް ވާން ދޫކޮށްލެވެން ނެތް ކަމަށްވެސް އޭޝިންގް ވިދާޅުވިއެވެ. އެހެން ކަމުން، މި އަސަރު ކުޑަކުރުމަށް ގައުމުތަކުގެ ސަރުކާރުތަކާ ބައިނަލްއަގުވާމީ މުޖުތަމުން ފިޔަވަޅު އަޅަންޖެހިފައިވާކަމަށްވެސް އޭޝިންގް ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާ ފަގީރު ހާލުގައި އުޅެންޖެހުމަކީ އާންމު ދިރިހުރުމާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރުވެސް އަންހެނުންނާ ކުޑަކުދިންނަށް ނުރައްކާ ކުރިމަތި ކުރުވާ ހާލަތެކެވެ.

އިންތިހާ ފަގީރުކަމުގައި ދިރިއުޅެމުންދާ ކުދިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިކްސާބޭ

ޔޫއެން ފައުންޑޭޝަނުން ކުރިއަށް ގެންދިޔަ ވާޗުއަލް ބައްދަލުވުމެއްގައި ނޫސްވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އދގެ އާބާދީއާއި ބެހޭ މަޝްރޫއުގެ އެގްޒެކެޓިވް ޑައިރެކްޓާ ޑރ ނެޓާލީ ކާނެމް ވިދާޅުވީ، ކުރިމަތިވާ ހަމައެކަނި މައްސަލަ އަކީ ޖިންސުގެ ތަފާތުތަކާއެކު އަންނަ އަނިޔާތައް ކަމުގައި ބެލެވެން ނެތް ކަމަށެވެ. ކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު ހަމައެކަނި ޖިންސުގެ ފަރަގުން ލިބޭ އަނިޔާ ލިބޭ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން ސާބިތުވެފައި ވާކަމަށްވެސް އދގެ އޮފިޝަލު ވިދާޅުވިއެވެ.

ބަލިމަޑުކަމުގައި އަންހެނެއްގެ ވަޒީފާ ގެއްލި، އާއިލާ އިތުރަށް ނިކަމެތިވެގެންދާ ވަގުތު ހަޔާތުގެ ބައިވެރިޔާވެސް ވަކިވެ، ނުތަނަވަސް ހާލަތަކަށް އޭނާ ވައްޓާލާ ކަމަށާ، މިފަދަ ހާލެއްގައި އޭނާގެ ދަރިންނަށްވެސް އަނިޔާއަށް ހުށަހެޅޭ ކަމަށާ، މިއީ އިންތިހައަށް ކަންބޮޑުވާންޖެހޭ ކަމެއްކަން ޑރ ކާނެމް ވަނީ ފާހަގަކުރައްވާފައެވެ.