ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ބަހްރައިންގެ ތަރައްގީ ކުރަމުންދާ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގެ ތެރެއިން، އެގައުމުގެ ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް-ޚަލީފާ، ވެކްސިން ތަޖުރިބާކުރައްވައިފިއެވެ.

ބަހްރައިންގެ ދައުލަތުގެ މީޑިއާއިން ޚަބަރު ދޭ ގޮތުގައި، 3 ވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށް ދަނީ އަބޫދާބީގައި ގާއިމު ކޮށްފައިވާނީ ޖީ42 ހެލްތުކެއާއި ގުޅިގެންނެވެ. މި ތަހުލީލުގައި ބޭނުން ކުރަނީ، ދުނިޔޭގައި 6 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދާ ޗައިނާގެ ސީނޯފާމް ސީއެންބީޖީއިން ތަރައްގީ ކޮށްފައިވާ ވެކްސިނެކެވެ.

ބަހްރައިންގެ ވަލީއަހުދު ވިދާޅުވީ ވެކްސިން ތަޖުރިބާކުރަމުންދާ ވޮލަންޓިއަރުންނާ އެކުގައި މި ކުރައްވާ މަސައްކަތަކީ ފަޚްރެއް ކަމަށާ، އަނެކާއަށް ރައްކާތެރިކަން ހޯދާދިނުމުގައި މިއިން ކޮންމެ ބައިވެރިއަކުވެސް ދަނީ އެމީހެއްގެ ޒިންމާ އަދާކުރަމުން ކަމަށެވެ.

3 ވަނަ މަރުހަލާގެ ތަހުލީލުގައި، ބަހްރައިންގެ ވަލީ އަހުދާއެކު 60000 ބައިވެރިއަކު ދަނީ މި ވެކްސިން ތަޖުރިބާކުރަމުންނެވެ.