ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް މިވަގުތު ގިނަ ގައުމުތަކެއްގައި ތަންފީޒު ކުރަމުން އަންނަ އެއް ގަވައިދަކީ ފޭސްމާސްކު ބޭނުން ކުރުމަށް ވާއިރު، މި ގަވައިދަށް އިހުތިރާމު ކުރުމަށް ފަސްޖެހޭ ފަރާތްތަކަށް އޮތް އަދަބީ، ކޮވިޑް-19ގައި މަރުވާ މީހުން ވަޅުލަން ކަށްވަޅު ކޮނެ، ތައްޔާރު ކުރުން ކަމަށް އިންޑޮނޭޝިއާގެ ރަށްފުށުގެ އަވަށަކުން ކަނޑައަޅައިފިއެވެ.

އީސްޓް ޖާވާގެ ރަށްފު ގްރެސިކް ރެޖެންސީގައި މާސްކު އަޅަން އިންކާރު ކުރާ ނަމަ މިފަދަ އަދަބެއް ދިނުމަށް ނިންމީ، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެއް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަށްވަޅު ކޮންނަން ޖެހެނީ މާސްކު ނާޅާ އުޅޭ މީހުންނަށް އޮންނަ 150000 ރުޕިޔާގެ ޖޫރިމަނާ ދައްކަން ބޭނުން ނުވާ މީހުންނަށެވެ.

ސަރަހައްދީ އޮފިޝަލުން ވިދާޅުވި ގޮތުގައި މިހާރުވެސް މެދުއުމުރުގެ 3 މީހަކާ، 5 ކުޑަކުއްޖަކަށް މި އަދަބު ދީފައިވާނެއެވެ.

އިންޑޮނޭޝިއާގެ އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. ނަމަވެސް މާސްކު އެޅުމާއިއެކު ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމަށް އިންކާރު ކުރާ މީހުންވެސް އެގައުމުގައި އެބައުޅެއެވެ.

އިންޑޮނޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު މިހާތަނަށް 230000 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 160000 އެއްހާ މީހުންނަށް ޝިފާ ލިބި ރަނގަޅުވެފައި ވާއިރު، މި ބަލީގައި އިންޑޮނޭޝިއާއިން 9100 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ޚަބަރު ދެއެވެ.