ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާއެކު ހުއްޓާލާފައިވާ ބޯޓުޔާޑުގެ ހިދުމަތްތައް އަލުން ފަށަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ކ ތިލަފުށީގައި ހިންގާ އެ ކުންފުނީގެ ބޯޓު ޔާޑުގެ ހިދުމަށް އަންނަ އާދިއްތަ ދުވަހު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށެވެ.

އެގޮތުން ބޯޓުޔާޑު އަލުން އާންމު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ނިމިފައިވާ ކަމަށާއި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަށް ވެސް އަޅާފައިވާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެމްޓީސީސީގެ ބޯޓްޔާޑަކީ ރާއްޖޭގައި ޑޮކިންގް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑެވެ. މާލެ އަތޮޅު ތިލަފުށީގައި ގާއިމްކޮށް ހިންގަމުންދާ އެމްޓީސީސީގެ ބޯޓްޔާޑަކީ އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ.

2017 ވަނަ އަހަރު ހިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު، އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމުގެ ކެޕޭސިޓީއާއި ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ބޯޓްޔާޑަށެވެ. ހަމަ އެއާއެކު ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތު ބޮޑުވަމުން ދާއިރު، ކަނޑުގައިދުއްވާ އުޅަނދުތައް ގެންގުޅޭ ފަރާތްތަކުގެ، އިތުރުވަމުންދާ ބޭނުންތަކާ އެއްހަމައެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް، އެމްޓީސީސީގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުންނެވެ.

އެމްޓީސީސީގެ ކަސްޓަމަރުންނަށް ބޭނުންވާ އެންމެހާ ހިދުމަތްތަކެއް އެއްތަނަކުން ފޯރު ކޮށްދިނުމުގެ މަގްސަދުގައި އެމްޓީސީސީގެ ބޯޓްޔާޑުން ތަފާތު ގިނަ އިންޖިނިއަރިންގް ހިދުމަތްތަކާއި ހައްލު ފޯރުކޮށްދެއެވެ. އެގޮތުން ބޯޓް ހޮއިސްޓް، ސްލިޕްވޭ، ބޯޓް ޓްރެއިލާ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.