ރ. ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ ވަންދޫގައި ތަރައްގީ ކުރާ ބަނދަރުގެ މަޝްރޫއު މި މަހުގެ 13 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑްއިންފްރާސްޓްރަކްޗާ ގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުފެ އޯގަސްޓް 26 ވަނަ ދުވަހެވެ.

މި ސަރުކާރުން ހަވާލުކޮށްފައިވާ އެ މަޝްރޫއަކީ 99.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 870،1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮއްޓެއްލުން ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

އެގޮތުން 47 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެމްޓީސީސީން ކުރިއަށް އެބަގެންދެއެވެ. އަދި ރ. އަތޮޅުގައި 4 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް އެބަގެންދެއެވެ.