މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 30 މިލިއަންގެ ފާހަގަ ހުރަސްކޮށްފިއެވެ.

ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 30030839 އަށް އަރާފައެވެ.

ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 307465 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައި ވަނީ މިދިޔަ މަހުން ފެށިގެން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކުރަމުން އަންނަ އިންޑިއާއިންނެވެ.

  1. އިންޑިއާ: 97859 އާ ކޭސް | 5115893 ޖުމުލަ ކޭސް
  2. އެމެރިކާ: 40154 އާ ކޭސް | 6828301 ޖުމުލަ ކޭސް
  3. ބްރެޒިލް: 37387 އާ ކޭސް | 4421686 ޖުމުލަ ކޭސް
  4. އާޖެންޓީނާ: 11674 އާ ކޭސް | 589012 ޖުމުލަ ކޭސް
  5. ސްޕެއިން: 11674 އާ ކޭސް | 614360 ޖުމުލަ ކޭސް

ދުނިޔޭގެ ނިސްބަތުން ބަލާއިރު މިވަގުތު އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ އެމެރިކާ، އިންޑިއާ، ބްރެޒިލް، ރަޝިއާ އަދި ޕެރޫއިންނެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު ލިސްޓުގެ އެންމެ ކުރީގައި އޮތް އިންޑިއާގެ ފަހަތުން ދެން އުޅެނީ، ބަންގްލަދޭޝް (342671 ކޭސް)، ޕާކިސްތާނު (303089 ކޭސް)، އަދި ނޭޕާލް (58327 ކޭސް) އެވެ.

ވަކިވަކި ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ ގަތަރުންނެވެ. 2.8 މިލިއަން މީހުންގެ އާބާދީއެއް އޮތް ގަތަރުގެ ކޮންމެ 23 މީހަކުން އެކަކަށް ކޮވިޑް-19 ޖެހިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރީގައި އޮތީ ދިވެހިރާއްޖެއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ކޮންމެ 58 މީހަކުން 1 އަށް މިހާރު ކޮވިޑް-19 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 945051 އަށް ވަނީ އަރާފައެވެ. މި ބަލީގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވި ކަމަށް ރިޕޯޓް ކޮށްފައިވަނީ އެމެރިކާ (201348)، ބްރެޒިލް (134174) އަދި އިންޑިއާ (83230) އިންނެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދެނީ ޕޭޝަންޓުގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. މިހާތަނަށް 30 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައި ވާއިރު، ޝިފާ ލިބި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 21797918 އަށް އަރާކަމަށް ރެކޯޑްތަކުން ދައްކައެވެ.