މިއަދު ކޮވިޑަށް 99 މީހުން ޕޮޒިޓިވްވެ 174 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 99 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވް ވި 92 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 7 މީހެކެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 65 ދިވެހިންނާއި 34 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 99 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9427 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 174 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 7903 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 115 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 727 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 33 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 20 ރަށަކާއި 29 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 20 ޓޫރިސްޓަކާއި 47 ސްޓާފުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ އަތޮޅުން ދިއްދޫ އާއި އިހަވަންދޫއާއި ކެލާ، ހދ. ހިރިމަރަދޫ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މަނަދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރު، ޅ. އަތޮޅުން ނައިފަރު، ކ. އަތޮޅުން ހިންމަފުއްޓާއު ހުރާ، ދ. އަތޮޅުން ހުޅުދެލި، ލ. ގަން، ގދ. އަތޮޅުން ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ށ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.