އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމުން ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ މެންބަރު ޔައުގޫބު އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.

ޔައުގޫބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުން އެ އިންސްޓިއުޓުގެ ކައުންސިލްގައި އިންނެވުމާ މެދު ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރި ކަމަށް ފެނިވަޑައިގަންނަވާތީވެ، އިސްތިއުފާ ދެއްވީ ކަމަށެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އައްޔަން ކޮށްފައި ވަނީ އިއްޔެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެއެވެ. އެ އިންސްޓިޓިއުޓުގެ ކައުންސިލު މެންބަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ގާނޫނު އަސާސީގައި އޮތް އެއްޗެއް ޔައުގޫބަށް އެނގިވަޑައި ނުގަތުމުން ގިނަ ބަޔަކު ދަނީ އެކަމާ ފާޑުވެސް ކިޔަމުންނެވެ. އެކަމަށް ފާޑު ކިޔި ބައެއް ފަރާތްތަކުން ބުނެފައިވަނީ ޔައުގޫބުގެ މެންބަރުކަމުގެ ޝަރުތު ނެތިއްޖެ ކަމަށެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުތުތައް ގެއްލޭނެ ކަމެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ބިލު ފާސްކޮށްފައި ވަނީ ރާއްޖޭގެ އެކައުންޓެންޓުންނާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހި ކުރުމަށެވެ.

އެގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައި ވެއެވެ.