ކޮވިޑް -19 އާ ގުޅިގެން އޮންލައިންކޮށް ޝަރީއަތުގެ އަޑުއެހުން ބޭއްވުމުނުް އޭނާއަށް ކުރެއްވުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް، އެ ކޯޓުން ބޭރު ކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު ހައި ކޯޓުގައި ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި އޭނާ ވިދާލުވެފައި ވަނީ ކުރިން ޝަރީއަތް އޮންލައިންކޮށް ބޭއްވުމުން ކުރެއްވުނީ ވަރަަށް ހިތި ތަޖުރިބާއެއް ކަމަށެވެ.
އެގޮތުން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އިރު ދެއްކި ވާހަކަތައް ރަނގަޅަށް ސާފުވެފައި ނުވާއިރު އޭނާގެ ވަކީލު އަރިހުގައި ނެތުމުން އުދަނގޫތަކެއް ކުރިމަތިވެ ވަޑައިގެން ކަމަށް އަދީބު ވިދާޅުވިއެވެ. ދައުލަތުން ވެސް ދިޔައީ ވަގުތުން ޖަވާބު ދެމުން ކަމަށާއި އިންޓަނެޓްގެ މައްސަލަަތަކެއް ހުރުމުން ޖަވާބު ލިބުން ސްލޯކޮށް އަދި ބައެއް ފަހަރު އަޑު ކެނޑިކެނޑިގެން ގޮސްފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން ދެއްކި ބައެއް ވާހަކަތައް ދޭހަވީ ނުބައި ކޮށް ކަމަށް އަދީބު ވިދާޅުވިއެވެ.
އެދުވަހު ދޭހަވި ވާހަކަތައް ސާފުކޮށް ދެއްވަމުން އަދީބު ވިދާޅުވީ މީގެ ކުރިން އޭނާގެ ބޭސްފަރުވާ އަށް ހުރަސް އެޅިފައި އޮތް ނަމަވެސް އެ ދުވަހުގެ ދައުލަތުގެ ވާހަކަތައް އަޑުއިވުނު ގޮތުން ހީފުޅުވެފައި އޮތީ އެކަމަށް ވެސް ހުރަސް އެޅިފައި ނުވާ ކަމަށެވެ. އަދި ދައުލަތާ އެކު ވެފައިވާ އެއްބަސްވުންތައް ޑްރާފްޓްކޮށް ލިޔުއްވީވެސް ވެސް އޭނާކަމަށް ދައުލަތުގެ ވާހަކަތައް އިވިވަޑައިގެންނެވި ގޮތުން ހީފުޅުވެފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ފަހުން އޭނާގެ ވަކީލާއެކު ކޯޓުގެ ލިޔެކިޔުންތަކާއި ބަޔާންތައް ކިޔުމުން ހުރިހާ ކަމެއް ފަހުން ސާފުވެވަޑައިގެން ކަމަށް އަދީބު ވިދާޅުވިއެވެ. އެހެންކަމުން އެ ތަޖުރިބާއަކީ ހިތި ތަޖުރިބާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި އަދީބު ވަނީ ޕީޖީގެ ވަކީލުންނާއި ޕީޖީ ހުސައިން ޝަމީމްގެ ފަރާތުން މައާފަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އެނާއަށް އެނގިވެޑައިގަންނަވާ މިންވަރަކުން ހުރިހާ ވާހަކައެއް ކިޔައިދެއްވާނެ ކަމަށާއި އެއްބާރުލުން ދެއްވައި ތަހުގީގުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ. މީގެ ކުރިންވެސް ގެންދެވީ ތަހުގީގަށް އެއްބާރުލުން ދެއްވަމުން ކަމަށާއި އަދިވެސް އެކަމަށް ބަދަލެއް ނާންނާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި ނިންމުމަށް މި ސަރުކާރުގައި ގާބިލްކަމާއި އިހްލާސްތެރިކަން އޮތްކަމަށާއި އެ ހިޔާނާތުގައި ގެއްލިފައިވާ ފައިސާ އަކީ ރައްޔިތުންނަށާއި ދައުލަތަށް ހޯދައި ދޭން ޖެހޭނެ ފައިސާއެއް ކަމަށް އަދީބު ވިދާޅުވިއެވެ.
މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުން ގޮތެއް ނިންމުމެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލާގައި، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބޭރުކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާ ބާތިލް ކުރުމާއެކު އަދީބު ވަނީ މިނިވަން ވެފައެވެ. އަދީބު މިނިވަން ވުމާއެކު ވަނީ އަދީބަށް ފުރާވަޑައިގަތުން މަނާކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓަށް ކޯޓު އަމުރެއް ވެސް ނެރެފައެވެ.
އެ މައްސަލަ ހައިކޯޓުގައި ކުރިޔަށް ގެންދަން ނިންމައި އަޑުއެހުމެއް މިދިޔަ މަހުގެ 27 ގައި ބޭއްވިއިރު އެ ދުވަހު އަދީބަށް ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަސް ދީފައެވެ.