މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެންއޭ) އާ ދެކޮޅަށް ބޭއްވި ހަރަކާތެއްގައި ބައިވެރިވި ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާއަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީއެން އިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓް ނެރުނު ޖަމިއްޔާއާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާއި މެދުފިޔަވަޅު އެޅުމަށް ގޮވާލާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި އެރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތު ކުރެވޭ ކަމަށެވެ.

އެގޮތުން އެކަމަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެެއް ފުރިހަމަ ކުރަން އެންގުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަނީ އަޑު އުފުލާފައެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް ސަރުކާރުން ވަނީ އެ ޖަމްއިއްޔާ އުވާލައިފައެވެ.