އިންގްލިޝް ޕްރިމިއާ ލީގުގެ އާ ސީޒަންގައި ޓްރާންސްފާރ ވިންޑޯގައި އެންމެ ގިނައިން ހަރަދު ކުރި ޗެލްސީއިން ބޭނުންވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލިވަޕޫލާ ވާދަކުރުމަށް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.
ރޭ ސީޒަންގެ ފުރަތަމަ މެޗުގައި 3-1 އަކުން ބްރައިޓަން ބަލިކުރުމަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑް ބުނީ މިސީޒަންގައި ޗެލްސީއިން އެންމެ ބޮޑަށް ބޭނުންވަނީ ލިވަޕޫލާ އަރާ އެއް ހަމަކުރުމަށް ކަމަށާ އެކަމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ދެ ޓީމުގެ ދެމެދު އޮތް ފަރަގު ފެންނަ ކަމަށާ އެފަރަގު ކުޑަކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.
ސީޒަންގެ ފެށުމުގެ ކުރިން ޗެލްސީއިން ވަނީ 200 މިލިއަން ޕައުންޑް ހަރަދުކޮށް ވަނީ 7 ކުޅުންތެރިން ހޯދާފައެވެ.
ރޭ މެޗުގައި އަލަށް ގުޅުނު ޓީމޯ ވާނާ އަދި ކައި ހަވާޓްސް ޗެލްސީގެ ޖާޒީގައި ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ އިރު ވާނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ޗެލްސީއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކުރީ ވާނާ ހޯދާދިން ޕެނަލްޓީއަކުން ޖޯޖީނިއޯއެވެ.
މެޗުގެ 54 ވަނަ މިނެޓްގައި ބްރައިޓަންގެ ލިއަންޑްރޯ ޓްރޮސޯންޑް ޖެހި ލަނޑުން ސްކޯ ހަމަ ހަމަ ވި ނަމަވެސް ޗެލްސީގެ ޖޭމްސް އަދި ކާރޑް ޒޫމާ ލަނޑާއެކު އެޓީމު ވަނީ 3-1 އަކުން މެޗުން މޮޅުވެފައެވެ.
މިދިޔަ ސީޒަންގައި ލިވަޕޫލާ ކުޅުނު ދެ މެޗުން ވެސް ޗެލްސީއިން ބަލިވިއެވެ. އަދި އެޓީމުން ސީޒަންގެ ނިންމާލި އިރު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ 33 ޕޮއިންޓް ފަހަތުގައެވެ.
އަންނަ އާދިއްތަ ދުވަހު ޗެލްސީ ކުޅޭނީ ލިވަޕޫލާއެވެ.