ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގެ ހިތާބު ފަށްޓަވަމުން އެ މަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ އިތުރުން ޑިމޮކުރަސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ގައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސްގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށް ދެއްވުމަށް ކަމަށެވެ.

ޑިމޮކުރަސީ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މަގްސަދުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސްދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމަށް ކަމުގައެވެ.

މި އަހަރުގެ ޑިމޮކުރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ސިޔާސީ، އިޖްތިމާއި އަދި އިގްތިސޯދީ ހަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއް ކަމަށާއި މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ޑިމޮކުރަސީގެ ފުރިހަމަ މަންފާތައް ހޯދުމަށް، ކޮވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފަރުދީ ޒިންމާގެ އިސްކޮށް އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް ސަމާލުކަން ދިނުމަށާއި އިގްތިސޯދަށް ދިރުން ގެނައުމަށް ވެސް، ކޮވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން އެ މަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.