ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ކޮވިޑް-19 އިން ފަސޭހަފުޅުވެ، ގެއަށް ދޫކޮށްލައިފިއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲގެ ހެޔޮރަހުމަތްފުޅުން ކޮވިޑް ބަލިން ޝިފާ ލިބި ހެޔޮހާލުގައި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

މާތް ﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޯވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލު ގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން
މައުމޫން

ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރައްވާފައި ވަނީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީއެވެ. އެމަނިކުފާނުގެ ނަތީޖާ ލިބުމުން އެކަން ޓްވީޓާ މެދުވެރިކޮށް އަންގަވާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދިފައެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.