ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް، ކައިރި މުސްތަގުބަލެއްގައި އަވަސް ނިމުމެއް ނެތްކަން މިއަދު ހަމަ ކޮންމެ މީހަކުމެހެން ގަބޫލު ކުރެއެވެ. މިއާއެކު، ހަށި ރައްކަލަށް ބޭނުން ކުރާ ފޭސް މާސްކާއި ފޭސް ޝީލްޑް ފަދަ ތަކެއްޗަކީ އަޅާ ހެދުމެކޭ އެއްފަދައިން ބޭނުންކުރަން ޖެހިފައިވާ އެއްޗަކަށް މިއޮތީ ވެފައެވެ.

މި ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލުމަކީ، ފެޝަން ދުނިޔެ ކޮންޓްރޯލް ކުރަމުންދާ ކުންފުނިތަކަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން، ނަން މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން، އެ ބްރޭންޑަކަށް ހާއްސަ އުފެއްދުންތައް ބާޒާރަށް ތައާރަފު ކުރަން ފެށިއެވެ. އަގުވެސް ހުރެއެވެ. ނަމަވެސް، ފެޝަނަށް ލޯބިކުރާ މީހުންނަށް އެއީ މާބޮޑު ކަމެއް ނޫންތާއެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ބަޔަކީ ލުއި ވިޓޯންއެވެ. ލުއި ވިޓޯންއިން މި ލިސްޓުން ޖާގަ ހޯދީ އާދައިގެ ގޮތަކަށް ނޫނެވެ. ފެޝަންގެ ބްރޭންޑްތަކުން ފޭސް މާސްކުތައް ތައާރަފު ކުރަމުންދާއިރު، ލުއި ވިޓޯންއިން ތައާރަފުކުރީ، އެ ބްރޭންޑްގެ "ރަން" މަރުކާ ޖެހި، ފޭސް ޝީލްޑްއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ދިމާކޮށް ލުއި ވިޓޯންއިން ތައާރަފުކުރި މަރުކާ ޖެހި ފޭސް ޝީލްޑް/ފޮޓޯ: ލަގްޒަރީ ލޯންޗަސް

ލުއި ވިޓޯން ފޭސް ޝީލްޑްގެ ޝީލްޑް ބައި ފަރުމާކޮށްފައި ވަނީ، އަތްވަށް ނިކުތުމުން ކަޅުވާ ގޮތަށެވެ. ލުއި ވިޓޯންގެ މަރުކާޖެހި ބޭންޑެއްގައި ހަރުކޮށްފައިވާ މި ފޭސް ޝީލްޑަކީ، ނިތްކުރިއަށް ދިގުކޮށް ހުންނަ ތޮތްޕެއް ފަދައިން، މައްޗަށް ހިއްލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ފޭސް ޝީލްޑްއެކެވެ.

ލުއި ވިޓޯންއިން ކޮވިޑް-19އަށް ހާއްސަކޮށްގެން ތައާރަފުކުރި ފޭސް ޝީލްޑު ވިއްކާ އަގުތައް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޖީބަށް ކުރާ ބާރު ބޮޑުވާނެ އަގުތަކެއް ކަމަށް ލަފާކުރެވެއެވެ. ލުއި ވިޓޯންގެ އޮންލައިން ސްޓޯތަކާ އައުޓްލެޓްތައް މެދުވެރިކޮށް ފޭސް ޝީލްޑް ގަތުމުގެ ފުރުސަތު، އަންނަ އޮކްޓޯބަރު މަހު ހުޅުވާލާނެ ކަމަށް ޚަބަރު ލިބެއެވެ.