ފެޝަންގެ ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ ފަރަންސޭސިވިލާތުގެ ޕެރިހުން ޖާގަ ހޯދި ޖަޕާނުގެ ފުރަތަމަ ފެޝަން ޑިޒައިނަރު ކެންޒޯ ޓަކާޑާ މަރުވެއްޖެއެވެ.

އުމުރުން 81 އަހަރުގެ ކެންޒޯ ޓަކާޑާ މަރުވީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ.

1960ގެ އަހަރުތަކުގައި ފަރަންސޭސިވިލާތަށް ބަދަލުވެ، އެ ގައުމުގައި، އޭނާގެ އަމިއްލަ ނަމުގައި ފެޝަންގެ ކެރިއަރު ކުރިއަށް ގެންދިޔައިރު، "ކެންޒޯ" ބްރޭންޑްގެ 8000 އަށްވުރެ ގިނަ ފަރުމާ ވަނީ ތައާރަފު ކޮށްފައެވެ. ކެންޒޯ ބްރޭންޑްގެ ފަރުމާތައް ހާއްސަވަނީ އޭގައި ބޭނުން ކޮށްފައި ހުންނަ އާދަޔާ ހިލާފު ކުލަތަކުގެ ސަބަބުން ކަމަށްވެއެވެ.

ފެޝަންގެ ދުނިޔޭގެ ލަގްޒަރީ އުފެއްދުންތަކެއް ތައާރަފު ކުރަމުން އަންނަ އެލްވީއެމްޗްގެ ކުޑައިގެ ދަށުން ކެންޒޯ ބްރޭންޑް ހިންގާއިރު، އެލްވީއެމްއެޗްގެ ސީއީއޯ ސިޑްނީ ޓޯލެޑާނޯ ބުނީ، އޭނާއަކީ 1970ގެ އަހަރުތަކުގައި މި ބްރޭންޑް ތައާރަފުކުރި ހިސާބުން ފެށިގެންވެސް "ކެންޒޯ"ގެ ފޭންއެއް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަނަށް ލޯބިކުރާ ގިނަ ބަޔަކު ދަނީ، ކެންޒޯ ވަކިވެ ދިޔަ ހަބަރާއެކު، ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރަމުން ނެވެ.