ދީނީ ގަބޫލުކުރުންތަކާ ތައާރަޒުވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ޕްރެޝަސަރު ކުރިމަތިވަމުން އަންނަ ކަމަށް ބުނެ، މުސްލިމް މޮޑެލް ހަލީމާ އޭޑަން، ރަންވޭ މޮޑެލިންގް ކެރިއާ ދޫކޮށްލައިފިއެވެ.

"ސްޕޯޓްސް އިލާސްޓްރޭޑަޓް" ސްވިމްސޫޓް އަދަދުގައި، ބުރުކީނީއަކާ ހިޖާބެއްގައި މޮޑެލް ކުރި ހަލީމާ އޭޑަން ވަނީ، "ފެޝަންގެ ވިހަ ދުނިޔޭގައި" އެނާއަށް ކުރިމަތިވަމުން އަންނަ އެކި ކަހަލަ ތަކުލީފުތަކުގެ ވާހަކަތައް، އޭނާގެ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް، ހިއްސާކޮށްފައެވެ. އެގޮތުން ނަމާދު އަޅަން ޖެހުމާއި، އެކަށީގެން ނުވާ ފަރުމާތަކުގެ ހެދުން އަޅަންޖެހުމާއި، ދީނީ ރޫހާ ހިލާފު ގޮތް ގޮތަށް ބުރުގާ އަޅަންޖެހުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް ހަލީމާ އޭޑަން ވަނީ ކިޔައިދީފައެވެ.

ސޯމާލީ-އެމެރިކާ ދަރިކޮޅުގެ ޒުވާން މޮޑެލް ހަލީމާ އޭޑަން، އޭނާގެ ފެޝަން ކެރިއަރުގައި ކޮށްފައި ވާ ބައެއް މަސައްކަތްތައް / ފޮޓޯ: ފެޝަން މެގަޒިން

"މާދަމާވެސް ބަޔަކު ގުޅާފަ، 10 މިލިއަން ޑޮލަރު ދިނަސް، ހިޖާބުގެ ހައިބަތަށް އުނިކަން ލިބޭ އެއްވެސް ކަމެއް އަހަރެން ދެނެއް ނުކުރާނަން" ހަލީމާ އޭޑަން ބުނެފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ، ފެޝަން ރަންވޭއަކުން ދެން އޭނާ ނުފެންނާނެ ކަމަށާ، ފެޝަން ޓުއާތަކުގައިވެސް އޭނާ ދެން ބައިވެރި ނުވާނެ ކަމަށް ބުނެފައެވެ. ދިރިއުޅުމަށް ނޭދެވޭ ބާރުފޯރުވަނީ މިކަންކަމުގެ ސަބަބުން ކަމަށްވެސް ހަލީމާ އޭޑަން ބުނެއެވެ.

އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން ހަލީމާ އޭޑަން ދިރިއުޅެމުން ދިޔައީ ކެންޔާގެ ރެފިއުޖީ ކޭމްޕެއްގައެވެ. ފެޝަން އުދަރަހަށް، ހަލީމާ އޭޑަންގެ ތަރި ފާޅުވުމާއެކު، ދާއިރާގެ ގިނަ ރެކޯޑްތަކެއް އޭނާ މުގުރާލިއެވެ. ހަލީމާ އޭޑަންއަކީ ބްރިޓިޝް ވޯގްގެ ބޭރުގަނޑުން ޖާގަ ހޯދި، ފުރަތަމަ ހިޖާބު މޮޑެލްއެވެ. ވޯގް އަރޭބިއާގެ ހިޖާބީ-ކަވާއަށްވެސް އޭނާ ވަނީ މޮޑެލް ކުރިއެވެ.

ސޯމާލީ-އެމެރިކާ ދަރިކޮޅުގެ ޒުވާން މޮޑެލް ހަލީމާ އޭޑަން، އޭނާގެ ފެޝަން ކެރިއަރުގައި ކޮށްފައި ވާ ބައެއް މަސައްކަތްތައް / ފޮޓޯ: އެލޫ

ފެޝަންގެ އަވާގައި ޖެހި، ހަލީމާއަށްވެސް އިސްލާމް ދީނުގެ އުސޫލުތަކާ ދުރަށް ދެވޭ ގޮތް، ހިސާބަކަށް މެދުވެރިވިއެވެ. ފެޝަންގެ ދާއިރާ ދޫކޮށްލުމަށް، ހަލީމާ އޭޑަންއަށް އެންމެ ގާތުން ހިތްވަރު ދެމުން ދިޔައީ އޭނާގެ މަންމައެވެ. ނަމަވެސް އެކަމުން އޭނާއަށް މާ ބޮޑު އަސަރެއް ނުކުރުވި ފަދައެވެ. ހަލީމާ އޭޑަންގެ ފިކުރު ބަދަލު ވާން ފެށި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ އެކު، ގޭގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހުނު ހިސާބުންނެވެ.

އޭނާގެ ކެރިއަރުގައި އެންމެ ހިތްދަތި ކުރުވި އެއް މައްސަކަތުގެ ވާހަކަ ހިއްސާ ކުރަމުން ހަލީމާ އޭޑަން ވަނީ، އެމެރިކަން އީގަލްގެ ޑެނިމް-ހިޖާބުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ތާއަބަދު ސްކާޓާއި އަބާޔާ ޒާތުގެ ހެދުން ލާ މީހެއްގެ ބޮލުގައި، ޖިންސެއް އެޅުވުމަކީ ކޮން ފަދަ ކަމެއް ތޯ އޭނާ މިހާރު ސުވާލު އުފައްދައެވެ. އޭރު ފެޝަން ދުނިޔޭގައި ކުރެވުނު ހާ ކަމެއް ކުރަން ބޭނުން ވެފައި އޮތްލެއް ބޮޑު ކަމުން، އެ މަޝްރޫއުގައި ބައިވެރިވެ، އޭނާގެ އަސްލު ނަފުސާ ދުރުވެވުނީތީ މިއަދު ހަލީމާ އޭޑަން ހިތާމަ ކުރެއެވެ.

ސޯމާލީ-އެމެރިކާ ދަރިކޮޅުގެ ޒުވާން މޮޑެލް ހަލީމާ އޭޑަން، އޭނާގެ ފެޝަން ކެރިއަރުގައި ކޮށްފައި ވާ ބައެއް މަސައްކަތްތައް / ފޮޓޯ: ވޯގް

މީގެ އިތުރުން، 2017 ވަނަ އަހަރުގެ ގްލެމާ މެގަޒިންއަށް ކަރުގައި ދޫނި ފަތްތަކެއް އޮޅައިގެން ފޮޓޯ ނެގި ދުވަހުގެ ވާހަކަވެސް ހަލީމާ އޭޑަން ވަނީ ހިއްސާ ކޮށްފައެވެ. "ފޮޓޯޝޫޓު ނިންމާފަ، ހޮޓަލަށް ގޮސް، ކޮޓަރީގައި އިނދެ، ގިސްލަ ގިސްލާފައި ރުއިން. އެއީ ރަނގަޅަށް ދިޔަ ކަމެއް ނޫންކަން ގަބޫލު ކުރެވުނު. އެކަމަކު، ދިފާއުގައި ވާހަކަދައްކާކަށް ނުކުރުނު" ހަލީމާ އޭޑަން ބުނެފައިވެއެވެ. މީގެ އިތުރުންވެސް، ހަލީމާ އޭޑަން ވަނީ، އިސްތަށިގަނޑު ނިވާ ކުރި ކަމުގައި ވީ ނަމަވެސް، މޭމަތި ރަނގަޅަށް ނިވާނުވާ ފަރުމާތަކާ، ހިޖާބެއްކަން ނޭނގޭ ފަދަ ފަރުމާތަކުގައިވެސް އޭނާ މަސައްކަތް ކޮށްފައި ވާނެ ކަމަށް އިއުތިރާފުވެފައެވެ.

މިފަދަ މަސައްކަތްތަކެއްގައި ބައިވެރިވެފައި ވީ ނަމަވެސް، އިހުތިރާމް ލިބެނިވި މަސައްކަތްތަކެއް ކުރެވިފައި ވާ ކަންވެސް ހަލީމާ އޭޑަން ފާހަގަ ކުރެއެވެ. އެގޮތުން ވޯގް އެރޭބިއާގެ މަސައްކަތް އޭނާ ފާހަގަ ކުރެއެވެ.

ސޯމާލީ-އެމެރިކާ ދަރިކޮޅުގެ ޒުވާން މޮޑެލް ހަލީމާ އޭޑަން، އޭނާގެ ފެޝަން ކެރިއަރުގައި ކޮށްފައި ވާ ބައެއް މަސައްކަތްތައް / ފޮޓޯ: ޓެލާރިޕޯޓް

ހަލީމާ އޭޑަން ބުނި ގޮތުގައި އޭނާ ތާއަބަދަށް ފެޝަންގެ ދުނިޔެ ދޫކޮށްލީއެއް ނޫނެވެ. އޭނާ، އޭނާގެ ގޮތުގައި، ވާހަކައަކީ ފުރިހަމަ ހިޖާބަކާއެކު މޮޑެލް ނުކުރެވޭ ކަމަށް ވަނީ ނަމަ އެ މަސައްކަތެއްގައި އޭނާ ނުހިފާނެ ކަމަށް ހަލީމާ އޭޑަން ބުނެއެވެ. ހަލީމާ އޭޑަން ހުރީ، އޭނާގެ ގޮތުގައި އޭނާ ބަލައިގަންނަ ފެޝަންގެ މަޝްރޫއުތަކައިގެން ކުރިއަށް ދާން ތައްޔާރަށެވެ.

ހަލީމާ އޭޑަންގެ މި ނިންމުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި، މަޝްހޫރު ލަވަކިއުންތެރިޔާ ރިއާނާ އަދި މޮޑެލް ޖީޖީ ހަދީދްއާއި ނެއޯމީ ކޭމްޕްބެލްވެސް ހިމެނެއެވެ.

ސޯމާލީ-އެމެރިކާ ދަރިކޮޅުގެ ޒުވާން މޮޑެލް ހަލީމާ އޭޑަން، އޭނާގެ ފެޝަން ކެރިއަރުގައި ކޮށްފައި ވާ ބައެއް މަސައްކަތްތައް / ފޮޓޯ: އެލް

އެމެރިކާގެ ސޯމާލީ ދަރިކޮޅަށް ނިސްބަތްވާ ހަލީމާ އޭޑަން އުޅުނީ ކެންޔާގެ ކަކޫމާ ރެފިއުޖީ ކޭމްޕުގައެވެ. އެއީ އޭނާގެ އުމުރުން އެންމެ 7 އަހަރުގައި، 2004 ވަނަ އަހަރު، އާއިލާއާއެކު އެމެރިކާއަށް ބަދަލު ވުމާ ހިސާބަށެވެ. އެމެރިކާގައި ވަޒަންވެރިވުމަށް އެ އާއިލާއިން ވަނީ 10 އަހަރު ދުވަސް ހޭދަކޮށްފައެވެ. އެމެރިކާގެ ދިރިއުޅުމަށް އަހުލުވެރިވުންވެސް ވީ ހަލީމާ އޭޑަންއަށް މާ ފަސޭހަ ކަމަކަށް ނޫނެވެ. ނަމަވެސް، އޭނާގެ ދިރިއުޅުން ބަދަލުކޮށްލީ 2016 ވަނަ އަހަރު، މިސް މިނެސޯޓާ ޔޫއެސްއޭ ޕޭޖަންޓްގައި، ހިޖާބާއި ބުރުކިނީއެއްގައި މޮޑެލްކޮށް، ސެމީ ފައިނަލަށް ދެވުނު ހިސާބުންނެވެ.