އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ އެވަޓަންއާ ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްލަނޑު ސުން ލަނޑުން އެވަޓަން ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި އެވަޓަންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 55 ވަނަ މިނެޓްގައި ޑިންޔޭ ނަގާ ދިން ހުރަހަކުން ކެލްވިޓް ލުވިންއެވެ.
ރޭގެ މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބުނު އިރު އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މުހިއްމު ދެ ސޭވެއް ކޮށްފައެވެ.
މިސީޒަންގައި އެވަޓަންއާ އަލަށް ގުޅުނު ކޮލަމްބިއާގެ ފޯވަޑް ހަމޭސް ރޮޑްރީގޭޒް ރޭ މެޗުގައި ފުރަތަމަ 11 އިން ފެނުނު އިރު އޭނާގެ ފަރާތުން ވަނީ ހިތްގައިމު ކުޅުމެއް ފެނިފައެވެ. ރޭގެ މެޗުގައި ހަމޭސް ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ލަނޑު ޖަހާނެ ފަސް ފުރުސަތެއް އުފައްދާ ދީފައެވެ.
މެޗަށް ފަހު އެވަޓަންގެ ކޯޗް ކާލޯ އެންޗޮލޯޓީ ބުނީ މި މެޗުން ޓީމުގެ އަސްލު ކުޅުން ފެނިގެން ދިޔަ ކަމަށާ އާ ސީޒަންއަށް ތައްޔާރުވުމަށް މާ ގިނަ ވަގުތު ނުލިބުނު ނަމަވެސް ޓީމުގެ ފަރާތުން ފުރަތަމަ މެޗުގައި ފެނުނު ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.
މިދިޔަ ސީޒަންގެ މެދު ތެރެއިން ޓޮޓެންހަމްއާ ހަވާލުވި ތަޖުރިބާކާރު ކޯޗް ހޯސޭ މޮރީނިއޯ ބުނީ އޭނާގެ ޓީމުގެ ފަރާތުން ރޭގައި ފެނުނީ 'ކަންނެތް' ކުޅުމެއް ކަމަށާ ޓީމުގެ ކުޅުންތެރިންގެ ކިބައިން ވަރުބަލިކަމެއް ފެނިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ގިނަ ތަމްރީނުތަކާއެކު ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.