އިންގްލިޝް ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ވެސްޓް ބްރޯމްގެ ކޮޅަށް ތިން ލަނޑު ޖަހާ ސީޒަންގައި ކުޅުނު ފުރަތަމަ މެޗު ލެސްޓާ ސިޓީ ކާމިޔާބުކޮށްފިއެވެ.
ވެސްޓްބްރޯމްގެ ދަނޑުގައި ސަޕޯޓަރުންނާ ނުލާ ކުޅުނު މި މެޗުގައި ލެސްޓާއިން ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ.
ފުރަތަމަ ހާފްގައި ވެސްޓްބްރޯމްގެ ކީޕަރު ސޭމް ޖޯންސްޓޯންގެ މޮޅު ދެ ސޭވް ފެނިގެން ދިޔަ އިރު ދެވަނަ ހާފް ފެށިތާ ނުވަ މިނެޓްގެ ތެރޭގައި މި ސީޒަންގައި ލެސްޓާއާ އަލަށް ގުޅުނު ޓިމޮތީ ގަސްތަންޔާ ބޮލުން ޖަހާ ދިން ލަނޑުން އެޓީމަށް 1-0 ގެ ލީޑެއް ހޯދައިދިނެވެ.
ލެސްޓާއިން މެޗުގައި ދެން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ ސްޕޮޓުންނެވެ. އަދި ދެ ލަނޑު ވެސް ޖަހާ ދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ޖޭމީ ވާޑީއެވެ. މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓު ހޯދި ވާޑީ ވަނީ މެޗުގެ 74 ވަނަ މިނެޓާ 84 ވަނަ މިނެޓްގައި ޕެނަލްޓީ ޖަހާ ސްކޯ 3-0 އަކަށް ހަދާފައެވެ.
ރޭގެ މެޗުން ވެސްޓްބޯމް ދަށްވުމާއެކު މިސީޒަންގައި އަލަށް ޕްރޮމޯޓްވި ތިން ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުތަކުން މިވަނީ ދަށްވެފައެވެ. އާސަނަލް އަތުން ފުލްހަމް ބަލިވި އިރު ޗެމްޕިއަންސް ލިވަޕޫލަށް ލީޑްސް ބަލިކުރެވުނީ ކިިރިއާއެވެ.
ސީޒަން އަދި ރަނގަޅަށް ފަށައިގަނެފައި ނުވި ނަމަވެސް މި ތިން ޓީމަށް ކުރިއަށް އޮތްތަނުގައި ނަތީޖާ ނެރެވޭނެ ކަމާ މެދު މިހާރު ވެސް ދަނީ ސުވާލުތައް އުފައްދަމުންނެވެ.