ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން ބުނީ ޓިމް ސޯޔާ އެފަދައިން ވިދާޅުވެފައި ވަނީ ކޮވިޑްގެ މުއްދަތުގައި ބޭންކުން ރައްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ބައެއް މީޑިއާ ތަކާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ވާހަކަ ދައްކަވަމުން ކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޓްއަރިޒަމް ސިނާއަތަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް ބޭންކުން އިސްނަގައި ވަނީ ކުރުމުއްދަތުގެ ފެސިލިޓީއެއް ތައާރަފް ކުރައްވާފައި ކަމަށާއި އެ ފެސިލިޓީ މެދުވެރިކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް 2 މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސްކޮށްދެވޭނެ ކަމަށެވެ.

މިދިޔަ އޮގަސްޓްގެ ނިޔަލަށް ޝޯޓް ޓަމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފައެވެ. މީގެއިތުރުން، ވިޔަފާރިތަކަށް ވޯރކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާވެސް ބީއެމްއެލުން ވަނީ ދޫކޮށްފައެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާ ގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ މަހުގެ 31ގެ ނިޔަލަށް، 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު ވަނީ އެޕްރޫވްކޮށްދީފައެވެ. އެއާއެކު ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން މިވަނީ 1.2 ބިލިއަން ރުވފިޔާގެ ލޯނު ދޫކޮށްފައެވެ.

މި ބަލިމަޑުކަން ކައިރި މުސްތަގްބަލެއްގައި ނިމިދާނެކަމަށް ނުބެލެވޭހިނދު ބޭންކުން ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް ބަލަމުންކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކޮންމެފަދަ ހާލަތެއްގައިވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށްކަމަށް ޓިމް ސޯޔާ ވަނީ ވިދާޅުވެފައެވެ.