އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އުފެއްދައިފިއެވެ.

ރައިސް އޮފީހުން ބުނީ (ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނު ގެ 3 ވަނަ މާއްދާގެ ދަށުން، "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" މިމަހު އަށް ވަނަ ދުވަހު ގާއިމުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަށް ލިޔާ ސިޓީގައި ޖައްސަވަމުން ގެންދާނީ 484 ކަމުގައި ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓެއް ގާއިމްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. އެ ބިލް ފާސްވެފައިވަނީ މަޖިލީހަށް ހާޒިރުވެ ތިބި 69 މެމްބަރުންގެ ތެރެއިން 67 މެމްބަރުންގެ ވޯޓުންނެވެ. ބިލް މަޖިލީހަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 10ގައެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ބިލު ފާސްކޮށްފައިވަނީ ރާއްޖޭގެ އެކައުންޓެންޓުންނާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހިކުރުމަށެވެ.

އެގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.