މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

އެގޮތުން މިމަހު 27 ވަނަ ދުވަހުގެ ހަވީރު 4:00 ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމްޓީސީސީން ބުނީ އެޖަލްސާގައި މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.

ހަމައެހެންމެ ޖަލްސާ ބާއްވަނީ އޮންލައިން ވަސީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވާން ބޭނުންވާ އެންމެހާ ހިއްސާދާރުން ސެޕްޓެމްބަރު 25 2020 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓާކުރަން ޖެހޭނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ޖަލްސާގައި ހިއްސާދާރުންނަށް ބަހާނެ ފައިދާ އާއި ގުޅޭގޮތުން ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތަކަށް ވޯޓަށް އެހުން ވަނީ އެޖެންޑާ ކޮށްފައެވެ. ހަމައެހެންމެ ކުރިއަށް އޮތް ދައުރަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރާނެ ފަރާތްތައް ކަނޑައެޅުމަށް އިންތިހާބު ބޭއްވުމަށް ވެސް އެޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ.