އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއިން އާސީޒަންގައި ކުރި ފުރަތަމަ މެޗުގައި 4-3 އަކުން އަލަށް ޕްރޮމޯޓްވީ ލީޑްސް ޔުނައިޑެޓް އުނދަގުލުން ބަލިކޮށްފިއެވެ.
މެޗުގެ 4 ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑު ނަގާ ދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހުއެވެ.
މި ލަނޑު ޖެހިތާ 8 މިނެޓް ފަހުން 12 ވަނަ މިނެޓްގައި ލީޑްސްއިން ވަނީ ލަނޑެއް ޖަހާ ސްކޯ 1-1 އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެކް ހެރިސަންއެވެ. އެހެން ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި ލިވަޕޫލްއަށް ލިބުނު ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ސްކޯ 2-1 އަކަށް ހަދާ ދިނީ ނެދަލޭންޑްގެ ކުޅަދާނަ ޑިފެންޑަރު ވާޖިލް ވެންޑައިކްއެވެ.
ސްކޯ 2-2 އަކަށް ހަދަން ލީޑްސްއަށް ފުރުސަތު ދީ ވެސް ވެންޑައިކްއެވެ. މަތިން އައި ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ވެންޑައިކްގެ އަތުން ހެދުނު ގޯހަކުން ލަނޑު ޖަހަން ލީޑްސްގެ ފޯވަޑް ބެމްފޯޑްއަށް ލިބުނު ފުރުސަތު އޭނާ ކާމިޔާބުކުރިއެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އަނެއްކާވެސް މެޗުގައި ކުރި ހޯދާ 3-2 އަކަށް ސްކޯ ހަދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވެސް ސަލާހެވެ.
ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް މާރީތި ކުޅުމެއް ނުފެނުނު އިރު މެޗުގެ 66 ވަނަ މިނެޓްގައި ލީޑްސްގެ ކްލިޗް ޖެހި ލަނޑާއެކު 3-3 އަކުން މެޗު ނިމޭނެ ކަމަށް ބެލެވުނެވެ.
އެހެން ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ސަލާހް ވަނީ 4-3 އަކުން ލިވަޕޫލް މޮޅުކޮށްދީފައެވެ. ސަލާހްއަކީ ލިވަޕޫލްގެ ތާރީޙުގައި ވެސް ސީޒަންގެ ފުރަތަމަ މެޗުގައި އެޓީމަށް ހެޓްރިކް ހަދައިދިން ފުރަތަމަ ކުޅުންތެރިޔާއެވެ.