ރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ސައުތްހެމްޓަންއާ ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު 1-0 އަކުން ކްރިސްޓަލް ޕެލަސް ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ޕެލަސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ވިލްފްރިޑް ޒަހާއެވެ. އެޑްރޯސް ޓައުންސެންޑް ނަގާ ދިން ރީތި ހުރަސް ގޯލުގެ ތެރެއަށް ވައްދާލައިގެން ޕެލަސްއަށް މެޗުގައި ޒަހާ ކުރި ހޯދައިދިނީ 13 ވަނަ މިނެޓްގައެވެ.

މެޗުގައި ސައުތްހެމްޓަންއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. އެޓީމުން އުފެއްދި މޮޅު ހަމަލާއެއް ފޯވަޑް ނޭތަން ރެޑްމަންޑް ބޭކާރުކޮށްލި އިރު ސައުތްހެމްޓަންގެ ޗެ އެޑަމްސް ޖެހި ރީތި ޝޮޓް ހިފަހައްޓާ ޕްލަސްގެ ކީޕަރު ވިސަންޓޭ ގުއައިޓާ ވަނީ މޮޅު ސޭވެއް ކޮށްފައެވެ. އަދި މެޗު ނިމެން ދަނިކޮށް ސައުތްހެމްޓަންގެ ޑެނީ އިންގްސް ފޮނުވާލި ޝޮޓުވެސް ގުއައިޓާ ހިފަހެއްޓީ ގޯލެއް ވަދެވަދެ އޮއްވައެވެ.

މެޗުގެ ރެފްރީ ޖޮނަތަން މޮސް ވަނީ ސައުތްހެމްޓަންގެ ޑިފެންޑަރު ކައިލް ވޯކާ-ޕީޓާސް ކުރި ފައުލަކަށް އޭނާއަށް ފުރަތަމަ ރަތް ކާޑެއް ދެއްކުމަށް ފަހު އަލުން މި ނިންމުން ބަދަލުކޮށް ރީދޫ ކާޑެއް ދައްކާފައެވެ. ރެފްރީގެ ނިންމުން ބަދަލުކުރީ ދަނޑު ކައިރީ ހުންނަ ސްކްރީންތަކުން ފައުލްގެ ރީޕްލޭ ބެލުމަށް ފަހުއެވެ.

މިސީޒަންގެ މެޗުތައް ވެސް ވީއޭއާރުން ވެސް ރެފްރީކުރާނެ އިރު ސުވާލު އުފެދޭ ހާލަތްތަކުގައި ދަނޑުގައި ހުންނަ މޮނީޓަރުތައް ބެލުމަށް އިނގިރޭސި އެފްއޭއިން ރެފްރީންނަށް ވަނީ ބާރު އަޅާފައެވެ.