ހިޖުރަވެރިންނަށް ހާއްސަކޮށްގެން ގްރީސްގައި ހިންގާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕު އަނދާ އަޅިއަށްވި ހާދިސާގައި، ހާލުގައި ޖެހިފައިވާ ކުޑަކުދިންގެ ތެރެއިން އަޅާލާނެ މީހަކު ނެތް 400 އެއްހާ ކުދިންނަށް ހިމާޔަތް ދިނުމަށް، ވިލާތުގެ 10 ގައުމަކުން އެއްބަސްވެފައި ވާ ކަމަށް، ޖަރުމަނުވިލާތުން ހާމަކޮށްފިއެވެ.
މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަރުމަނުވިލާތުގެ ދާހިލީ ވަޒީރު ހޯސްތް ސީއޯފާ ވިދާޅުވީ، މީގެ ތެރެއިން ގިނަ ކުދިންނާ ހަވާލުވާނީ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުން ކަމަށެވެ.
ގްރީސްގެ މޯރިއާ ރެފިއުޖީ ކޭމްޕަކީ 13000 އެއްހާ މީހުންގެ އާބާދީއެއް އޮތް ކޭމްޕެކެވެ. މިދިޔަ ބުދަ ދުވަހުގެ އަލިފާނުގެ ހާދިސާގައި މުޅި ކޭމްޕުހެން އަނދާފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުން ދަނީ ރެފިއުޖީންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކަކަ ކުރިމަތިލަމުންނެވެ. ބައެއް އާއިލާތަކުން އަދިވެސް ނިދަނީ ހާމަ ބިންތަކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މޯރިއާ ކޭމްޕަށް ޒިޔާރަތް ކުރެއްވުމަށްފަހު، ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް މާގަރީތިސް ޝީނާސް ވަނީ، ހަމަ އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގައި ފެސިލިޓީއެއް ގާއިމުކުރައްވާނެ ކަން ހާމަކުރައްވާފައެވެ.
މިކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް ގްރީސް ސަރުކާރުގެ ވަފުދަކުން ދަނީ ކޭމް ހުރި ސަރަހައްދުގައި ދިރިއުޅޭ، އާންމު ރަށްވެހިންނާ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް، އާންމުން ދަނީ މިހާރު އޮތް ޕްލޭނާ ދެކޮޅު ހަދަމުންނެވެ. ގްރީސްގެ އާންމުން ބުނާ ގޮތުގައި، މިއީ ތާ އަބަދަށް ކޭމްޕު ބަންދު ކުރަން ވީ ވަގުތު ކަމަށެވެ.
ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަސް ގްރީސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަނޑުގެ ސަރަހައްދަށް 3 ބޯޓެއް ފޮނުވާފައެވެ. މިއީވެސް ގާތްގަނޑަކަށް 2000 އެއްހާ ހިޖުރަވެރިންނަށް ލިބޭނެ ހިޔާވަހިކަމެކެވެ. މީގެ އިތުރުން ކަނޑުގެ އަސްކަރީ ފްލީޓްގެ 2 ބޯޓެއްވެސް މި ލިސްޓަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާވެސް އެބައޮތެވެ. ކޭމްޕުން ސަލަމާތްވާން ނިކުތް މީހުންގެ ތެރެއިން 35 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ޚަބަރު ލިބެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހުން މިހާރު ވަނީ އައިސޮލޭޓް ކުރެވިފައެވެ.
ހިޖުރަވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ގްރީސް ވެފައި ވާއިރު، އެ ގައުމަށް އެތެރެވާ ހިޖުރަވެރިންނާ މެދު ކަން ކުރާނެ ގޮތެއް ކަނޑައެޅުމުގައި ވިލާތުގެ އިއްތިހާދުގައި ދެބަސްވުންތައް އުފެދިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެއެވެ.