ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގައި ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކާގޯ ބޯޓު ތޫތުކުޅިން މިމަހުގެ 20 ވަނަ ދުވަހު ފުރައިގެން 22 ވަނަ ދުވަހު ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށަން ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 26 ވަނަ ދުވަހު ކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.

އެގޮތުން މިހިދުމަތް ފެށުމާއެކު ކޮންމެ މަހަކު ދެ ތިން ދަތުރު ކުރަން ރާވާފައިވާ ކަމަށް ވެސް ރިޕޯޓުގައެވެ.

އެކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އޮފިޝަލްއެއް ވިދާޅުވީ މި މަހު ފަހުކޮޅު އެ ހިދުމަތް ފަށާނެ ކަމަށާއި ނަމަވެސް، ތާރީހު ރަސްމީކޮށް އަދި އިއުލާނު ނުކުރާ ކަމަށެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި ރާއްޖެ އަށް އަންނަ ފުރަތަމަ ބޯޓުގައި ގެނުމަށް ހަމަޖެހިފައިވަނީ އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެއްޗެވެ.

އެހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.