ތާރިހު ދެކެފައި ނުވާފަދަ ވަރުގަދަ ބަލިމަޑުކަމަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ވެފައި ވާއިރު، މުއްސަނދި ކަމާއި ފަގީރު ކަމާ ދެމެދުގައިވާ މާލީ ތަނަވަސް ކަމުގެ ފަރާގު އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންނާ ދެމެދުގައިވާ ޖިންސީ ތަފާތު ކުރުންތަކުގެ ފަރަގު، އޭގެ އެންމެ އިންތިހާއަށް ފުޅާވެފައި ވާކަމަށް، ސޭވް ދަ ޗިލްރަން އިން ބައިނަލްއަގުވާމީ ފެންވަރުގައި ކުރި ސާވޭއަކުން ހާމަވެއްޖެއެވެ.

ކޮވިޑް-19 އަކީ ބަލިމަޑުކަމެއް ކަމުގައި ކަނޑައެޅިފަހުން ފާއިތުވީ 6 މަސްދުވަހުގެ ތެރޭގައި، އެންމެ ނާޒުކު ފައްތަރުގައި ތިބި ކުޑަކުދިންނަކީ، އެނޫން ކުދިންނާއި އަޅާ ބަލާއިރު އެތައް ކަމަކުން މަހްރޫމުވެ ދިޔަ ބައެއް ކަމަށް ސޭވް ދަ ޗިލްރަންއިން ބުނެއެވެ. އެގޮތުން ތައުލީމު ލިބިގަތުމާ، ސިއްހީ ހިދުމަތް ހޯދުމާ، ކާބޯތަކެތި ހޯދުމާ، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހައްގަށް ބޮޑުތަނުން އުނިކަން ކުރިމަތިވެފައި ވާކަން މި ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.

އަތްދޮންނަން ތިބި ކުދިންތަކެއް. ކޮވިޑް-19އިން ދުރުވާނެ ގޮތްތައް ކުޑަ ދަރިފުޅަށް ކިޔައިދިނުން ބުއްދިވެރި/ފޮޓޯ: ޔުނިސެފް

ސޭވް ދަ ޗިލްރަންގެ ސާވޭއަށް މައުލޫމާތު އެއްކޮށްފައިވަނީ، 37 ގައުމަކުން، 25000 އެއްހާ ކުދިންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށެވެ. ސާވޭއިން ހާމަވި ބައެއް ކަންކަމަށް ބަލާއިރު:

  • 3 ބައިކުޅަ 3 ބައި ކުދިންނަކީ ލޮކްޑައުންގެ ތެރޭގައި އެއްވެސް ގޮތަކަށް ޓީޗަރަކާއި ގުޅުމެއް ނެތް ކުދިން
  • ކޮންމެ 10 ކުއްޖަކުން 8 ކުއްޖަކު ގަބޫލުކުރި ގޮތުގައި ސްކޫލްތައް ބަންދު ކުރި ފަހުން ދަސްވީ ކުޑަ މިންވަރެއް ނުވަތަ އެއްވެސް އެއްޗެއް ދަހެއް ނުވޭ
  • 93 ޕަސެންޓް ގޭބިސީއަށް ލިބެމުންދިޔަ އާމްދަނީގެ 2 ބައިކުޅަ 1 ބަޔަށްވުރެ ބޮޑުބައި އުނިވެ، އެކަށިގެންވާ ސިއްހީ ފަރުވާ ހޯދުމަށް ހުރަސްތަކާ ކުރިމަތިވި
  • ސްކޫލްތައް ބަންދުކުރި މުއްދަތުގައި، ގޭތެރޭގައި ހިންގާ ޖަރީމާތައް 17 ޕަސެންޓް އިތުރުވި
ކުރުދީ ދީނުގެ ގޮތްޕެއް ކަމަށްވާ ޔަޒީދީންގެ ގިނަ އަދަދެއްގެ ކުޑަކުދިން އަދިވެސް ދިރިއުޅެނީ ގެދޮރު ގެއްލިފައިވާ ހާލުގަ/ފޮޓޯ: ރޮއިޓާޒް

ސޭވް ދަ ޗިލްރަންގެ ސީއީއޯ އިންގާ އޭޝިންގް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބެ، ހަމަޖެހޭ މުސްތަގުބަލެއް ހޯދުމުގެ ހައްގު އުނިވެގެންދާ ދިއުމުން ކުޑަކުދިންގެ ޖީލެއް ސަލާމަތް ކޮށްދިނުމަށްޓަކައި، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާ، ނާޒުކު ހާލަތުގައިވާ ދައުލަތްތަކަށް ދަރަނި ކުޑަކޮށްދިނުމުގެ މަޝްރޫއުތައް ފަށާ، ކުދިންގެ ދިރިއުޅުމުގައި އިންވެސްޓް ކުރުމަށް މަގު ތަނަވަސްކޮށްދިނުމަށް މިހާރުން މިހާރަށް މުޅި ދުނިޔެއިންވެސް ފިޔަވަޅުތަކެއް އަޅަންޖެހިފައި ވާ ކަމަށެވެ.

ފާއިތުވީ މަސްތަކުގައި ބަލިމަޑުކަމުގެ ބަނަ ވިލާގަނޑުގެ ހިޔަނި އެޅިފައި އޮތް އޮތުމުގެ ސަބަބުން އައި ހީނަރުކަމުން އަރައިގަނެ، އާންމު ހާލަތަށް ރުޖޫއަށް ވުމަށް ރާވާ ރޭވުންތަކުގެ މައިގަނޑު އަސާސަކަށް ވާންވީ ކުޑަކުދިންގެ ބޭނުންތަކާ އެކުދިންގެ ހިޔާލު ޝާމިލު ކުރުން ކަމަށާ، މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަގެއްގެ ގޮތުގައި އެންމެ ބޮޑު އުޖޫރައެއް ދައްކާނެ ބަޔަކު ކުޑަކުދިން ނޫންކަން ކަށަވަރު ކުރުމަށް ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް ސޭވް ދަ ޗިލްރަން އިން ވަނީ ފާހަގަކޮށްފައެވެ.