ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މިހުންގެ އަދަދު، 9 ލައްކަ އަށް ވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ބަލީގައި މިހާތަނަށް، 907998 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކޮވިޑް-19ގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މި ބަލީގައި މިހާތަނަށް 195239 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އެމެރިކާއަށްފަހު ލިސްޓުގައި ދެން އޮތީ 128653 މަރުގެ ކޭސް ރެކޯޑް ކޮށްފައިވާ ބްރެޒިލްއާއި 75091 މަރުގެ ކޭސް ރެކޯޑް ކޮށްފައިވާ އިންޑިއާއެވެ.
ފާއިތުވީ 24 ގަޑިއިރަށް ބަލާއިރުވެސް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައިވަނީ މި 3 ގައުމުންނެވެ. އެގޮތުން، އެމެރިކާއިން 1209 މަރުގެ ކޭސް، އިންޑިއާއިން 1168 މަރުގެ ކޭސް އަދި ބްރެޒިލްއިން 1136 މަރުގެ ކޭސް ރެކޯޑް ކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންޒިލުން 28 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 28022276 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައެވެ. މިލިއަނުން ކޭސް ރިޕޯޓްކޮށްފައިވާ ގައުމުތަކުގެ އަދަދު މި ހާރު ވަނީ 4 އަށް އަރާފައެވެ.
- އެމެރިކާ: 6549475 ޖުމުލަ ކޭސް | 2508141 އެކްޓިވް ކޭސް
- އިންޑިއާ: 4462965 ޖުމުލަ ކޭސް | 918790 އެކްޓިވް ކޭސް
- ބްރެޒިލް: 4199332 ޖުމުލަ ކޭސް | 617343 އެކްޓިވް ކޭސް
- ރަޝިއާ: 1041007 ޖުމުލަ ކޭސް | 166414 އެކްޓިވް ކޭސް
ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޝިފާ ލިބި، ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 20100660 އަށް އަރާފައެވެ.